ޚަބަރު

ޖިހާދު ފުރުން މަނާކުރީ ޤާނޫނާ ހިލާފަށް: ސުޕްރީމް ކޯޓު

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓައި، އޭނާ ރާއްޖެއިން ފުރުން މަނާކުރީ ޤާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން ޖިހާދުގެ ފުރުން މަނާކޮށް، ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު، ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ނިމުނު ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލްކަމަށް ނިންމާފައެވެ.

މި މައްސަލައިގައި ހައި ކޯޓުން ކުރި ޙުކުމުގައި ބުނެފައި ވަނީ، ޖިހާދު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.

އެއާއެކު ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގައި މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ މީހަކު ރާއްޖެއިން ބޭރަށް ދާ ދިޔުމަކީ ޕާސްޕޯޓު ހިފަހައްޓަން ޖެހޭ ހާލަތެއް ނޫން ކަމަށާއި ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތް ގޮތުން ޕާސްޕޯޓް ހިފެހެއްޓުން ހުއްދަ ވަނީ ފިލާފާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި އެކަނި ކަމަށެވެ.

އަދި ޖިހާދު ފުރާވަޑައިގަތުމުގެ ކުރިން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދިފައި ނެތް ކަމަށާއި އަދި އޭނާ ފުރުން މަނާ ކުރުމުގެ އަމުރެއް ނެތް ކަމަށް އެ ހުކުމްގައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!