ކޮވިޑް-19: މަތިވެރިން ފަތުރުވެރިއަކު ފައްސިވެއްޖެ

އއ. މަތިވެރިން ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މަތިވެރި ކައުންސިލުގެ ރައީސް އިސްމާއިލް އާތިފު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން ފައްސިވެފައި ވަނީ އަންހެން ފަތުރުވެރިއެއް ކަމަށާއި އޭނާ މިހާރު ހުރީ ގެސްޓްހައުސްގައި އެކަހެރި ކޮށްފައި ކަމަށެވެ.
އެފަތުރުވެރިޔާ ފައްސިވެފައިވާކަން އެނގިފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކަމަށާއި އޭނާ މަޑުކޮށްގެން ހުރި ގެސްޓްހައުސްގައި މަސައްކަތް ކުރާ ފަރާތްތަށް ވެސް ކޮންޓެކްޓް ޓްރޭސިންގ ނިމެންދެން އެކަހެރި ކޮށްފައިވާ ކަމަށް ކައުންސިލު ރައީސް ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ ކޮވިޑަށް ފައްސިވީ މީހާ ހުރި ގެސްޓްހައުސްއިން އެކަހެރި ކޮށްފައި ވަނީ އެތަނުގައި މަސައްކަތް ކުރާ ތިން މީހެއްކަން އެނގިފައިވާ ކަމަށެވެ. އަދި އެމީހުން ދޫގަސް ކަރަންޓީނު ފެސިލިޓީއަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މަތިވެރީގައި ދާދި ފަހުން ވެސް ކޮވިޑަށް ފައްސި ކޭސްތަކެއް ފެނިގެން އެރަށް މޮނީޓަރިންގަށް ލާފައި ވެއެވެ. އެފަހަރު އެރަށް މޮނީޓަރިންގަށްލީ އެރަށުން އުމުރުން ދުވަސްވީ އަންހެނަކާއި އޭނާގެ މާމަ ދެ ދަރިން ފައްސިވުމާ ގުޅިގެންނެވެ.