ފުވައްމުލަކުގައި އިއުލާނު ކޮށްފައިވާ ކާފިއު ހަފްތާއަކަށް އިތުރުކޮށްފި

ކޮވިޑް-19 ފެތުރެމުންދާތީ ފުވައްމުލަކުގައި އިއުލާން ކޮށްފައިވާ ކާފިއު އިތުރު އެއް ހަފްތާއަށް އިތުރު ކޮށްފިއެވެ.
ފުވައްމުލަކު ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި އެ ސިޓީ ކައުންސިލުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހު ވިދާޅުވީ، ކުރިން އިއުލާން ކޮށްފައި އޮތް ކާފިއު މިރޭ ދަންވަރު 00:00 އަށް ހަމަވުމާއެކު، އިތުރު ހަތް ދުވަހަށް ކާފިއު އިތުރު ކުރިކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
ފުވައްމުލަކުގެ ކާފިއު ވަގުތަކީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަށެވެ. އަދ ކޮވިޑް-19 އެ ސިޓީގައި ފެތުރެން ފެށުމާއެކު ކައުންސިލުން ފިޔަވަޅު އަޅަން ފަށައިފައިވަނީ މިމަހު 12 ވަނަ ދުވަހުއެވެ. އެގޮތުން އެ ސިޓީގައި ކާފިއު ވަގުތު ތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުމަކީ މަނާ ކަމެކެވެ.
އެގޮތުން އެ ސިޓީގައި، ޕާޓީތަކާއި ހަފްލާތައް ބޭއްވުން މަނާކޮށް އެރަށުގެ އެއް އަވަށުން އަނެއް އަވަށަށް މީހުން ދަތުރު ކުރުމަކީ ވެސް މަނާ ކަމެކެވެ. އަދި އެއް ގެއިން އަނެއް ގެއަށް މީހުން ޒިޔާރަތް ކޮށް ބައްދަލުވެ ހެދުމަކީ ވެސް މަނާ ކަމެކެވެ. ނަމަވެސް މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާތައް ހޯދަން ދާ ފަރާތްތައް ވަނީ އިސްތިސްނާ ކޮށްފައެވެ.