ތިން ދުވަހަށްފަހު މުހައްމަދު އިސްމާއިލް ދޫކޮށްލައިފި
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ދޫކޮށްލައިފިއެވެ.
މުހައްމަދު އިސްމާއީލް ހައްޔަރު ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިންނެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު ކްރިމިނަލް ކޯޓުން އަމުރުކުރީ ތިން ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށެވެ. އިއްޔެ އާ ހަމައަށް ތިން ދުވަސް ވުމާއެކު މުހައްމަދު އިސްމާއީލް މިހާރު ވަނީ މިނިވަން ވެފައެވެ.
މުޙައްމަދު އިސްމާއީލަކީ އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުގެ ތެރެއިން ފުލުހުމް ތަކުރާރުކޮށް ހަައްޔަރު ކުރާ ބޭފުޅެކެވެ. އެގޮތުން ހޯމަ ދުވަހުގެ އިހުތިޖާޖްގެ ތެރެއިން ވެސް އޭނާ ހައްޔަރު ކުރުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އެގޮތުން އިއްޔެ ވެސް މާލޭގައި އިހުތިޖާޖެއް ބާއްވާފައިވާއިރު، ގިނަ ބަޔަކު ވަނީ އެ އިހުތިޖާޖުގައި ބައިވެރިވެފައެވެ. އިއްޔެގެ އިހުތިޖާޖަކީ "ހިޔާ" މަޝްރޫޢުގެ ތިން ކެޓަގަރީއެއްގެ ފްލެޓު ދޫކުރުން ސަރުކާރުން ބާތިލު ކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް ކުރި އިހުތިޖާޖެކެވެ.
އިދިކޮޅުން ބާއްވަމުން އަންނަ އިހުތިޖާޖުތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ. އެގޮތުން ފުލުހުން ރޭ ވިދާޅުވީ އިދިކޮޅުން ކުރަމުން އަންނަ މަސައްކަތަކީ ގާނޫނު ހިންގުމާއި ދައުލަތް ހިންގުމަށް ހުރަސް އެޅުމެއް ކަމަށާ އެކަމަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.