ލައިފްސްޓައިލް

އެތައް ބައިވަރު ރައްޓެހިންނަށް ވުރެ ހެޔޮއެދޭ އެންމެ ރައްޓެއްސެއް ވެސް މާ ރަނގަޅެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރައްޓެހިންނަކީ އެކި ކަންކަމުގައި ދިމާ ކޮށް ސަމާސާ ކުރާނޭ ބައެކެވެ. ހަމަ އެފަދައިން އެހީތެރިކަން ބޭނުންވާ ދުވަހު އެހީ ވެސް ވެދޭނެ ބައެކެވެ. ނަމަވެސް އަބަދާއި އަބަދު ތިމާއާ ދިމާކޮށް ހެދުމަކީ އެންމެ ރަނގަޅު ގޮތްތޯއެވެ؟

Ads by Hajj Corporation

ކޮންމެ ދުވަހަކުހެން ދިމާވާ މި ރައްޓެހިން ހުރިހާ ދުވަހެއްގައި ވެސް، ވަކި މީހެއް، ވަކި ހަމައެއް ލަމައެއް ބެލުމެއް ނެތި ދިމާކޮށް، ތިމާއަކީ ވަރަށް ދަށް މީހަކަށް ހަދާލައިގެން އުޅޭނަމަ އޭގެން ދޭހަ ވަނީ އޭނާ ތިމާއަށް އިޙުތިރާމް ނުކުރާ ކަމެވެ. މިކަން މިހެން ދާ ކަމުގައި ވާނަމަ އެކަން އެހެން ނުކުރުމަށް ތިމާއަށް ބުނަން ކެރެން ވެސް ޖެހޭނެއެވެ. އެހެން ނޫންނަމަ އެއީ ތިމާގެ ރައްޓެއްސެއްގެ ގޮތުގައި ހުންނަން ހެޔޮ ވާވަރުގެ މީހެއް ނޫނެވެ.

ކޮންމެ އިންސާނެއްގެ ވެސް ހިތެއް އޮވެއެވެ. ކެތްކުރެވޭނީ ވަކި ވަރަކަށެވެ. ހަނގާ ކުރުމޭ ނުބުންޏަސް އަސްލު ހަގީގަތުގައި އެ ކުރެވެނީ ހަނގާކަން ވެސް އެނގޭ ހެއްޔެވެ؟ އޭގެ ސަބަބުން ތިމާ އެމީހުންނާ ދިމާވާން ފޫހި ވާނެއެވެ. މަޑު މަޑުން ތިމާ އެކަނި ވެރި ވާން ފަށާނެއެވެ. އަނެއް ކޮޅުން އެމީހުންނާދުރުވަނީ އޭ ކިޔައި ދެރަ ކުރެވޭތޯ ވެސް އެމީހުން މަސައްކަތް ކުރާނެއެވެ. ތިމާ ބޮޑު އަނދަވަޅުގަނޑަކަށް ވެއްޓޭ ވަރު ވެދާނެއެވެ. ވީއިރު މިކަންކަމާ ދޭތެރޭ ތިމާ ވިސްނާލުން މުހިންމެވެ.

ރައްޓެހިންނަކީ އެކަކު އަނެކަކަށް އިޙުތިރާމް ކުރާ ބަޔަކަށް ވާން ވާނެއެވެ. ހުރިހާ ރައްޓެހިން ތެރޭގައި ތިމާޖޯކަރަކަށްހަދައިގެން އެ ގެންގުޅެނީ ރައްޓެހިންނެއް ނޫނެވެ. އާންމުކޮށް އެފަދަ މީހުންގެ އަޑި ވަރަށް ނުބައި ވާނެއެވެ. އެމީހުންގެ މުނި ފޫހި ފިލުވުމަށްޓަކައި ގެންގުޅޭ އަޅަކުހެން ގެންގުޅުމަކީ ރައްޓެހިން ގެންގުޅޭ ގޮތް ކަމުގައި ވާނަމަ، މީ ކޮންފަދަ ރައްޓެހިކަމެއް ހެއްޔެވެ؟ ހަމަގައިމުވެސް އަޅުގަނޑު ތިޔަ ފަދަ ރައްޓެހި ކަމަކަށް ނޭދޭނަމެވެެ.

ދެން އުޅޭނީ ކޮފީ ތަކަށް އަރައި ފޫހި ފިލުވުމަށްޓަކައި ގެނެސް ދިމާ ކުރަން ބައިންދާފައި އިންނަ ރައްޓެހިންނެވެ. އެމީހުނަށް ވެސް ކޮންމެވެސް ވަރަކަށް އިޙުތިރާމް ކުރުމަކީ އޮތްކަމެއްކަން ނޭނގެނީ ބާވައެވެ؟ އެމީހުނަށް ހެޔޮ ނޭދޭ ތާނގައި ހެޔޮކޮށް ކަންތައް ކުރަނީ އެއްވެސް ނޫނެވެ. ހައިރާންވާ ކަމަކީ ތިމާއާދޭތެރޭގައި މިފަދަ ގޮތްކުޑަ ގޮތަކަށް ކަންތައް ކުރާއިރު ވެސް، މަޖާވެފައި އެމީހުންގެ ޚިދުމަތުގައި އެމީހުންނާ އެއްކޮށް ތިމާ ހުންނާތީއެވެ. މިކަން މިހެން ވިޔަ ނުދޭށެވެ. އެކަމާ އެމީހުންނަށް ބަސް ބުނާށެވެ. ތިމާގެ ދިފާއުގައި އަޑު އުފުލާށެވެ. އެމީހުން ބޭނުން ގޮތަކަށް ތިމާއާ ދޭތެރޭ ކަންތައް ކުރަން ފުރުސަތު ނުދޭށެވެ.

ތިމާގެ ރައްޓެހިންގެ ކުރިމަތީގައި ތިމާގެ އަގު ހިފަހައްޓާށެވެ. އެހެނީ ތިމާއަކީ އެއްވެސް އަގެއް ނެތް މީހެއްކަމުގައި ދައްކުވައިދޭ ރައްޓެހިންނާ ދުރުވާށެވެ. އަދި ތިމާ އަށް އިޙުތިރާމްކޮށް ތިމާއަށް ހެޔޮ އެދޭ ރައްޓެއްސަކާ ގާތްވާށެވެ. ކޮންމެހެން މާ ގިނަ ރައްޓެހިން ތިބުން މުހިންމެއް ނޫނެވެ. ނަމަވެސް ހެޔޮ އެދޭ، ތިމާއަށް އަނެކާ ކުރިމަތީ އިޙުތިރާމް ކުރާ ރައްޓެހިންނަކީ ޖަވާހިރެއް ފަދަ ބައެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!