އުމުރުން ދުވަސްވީ މީހުންނާއި ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ބެލެހެއްޓުންތެރިން ވެކްސިން ޖަހަން އިލްތިމާސްކޮށްފި

އުމުރުން ދުވަސްވީ މީހުންނާއި ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ބެލެހެއްޓުންތެރިން ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މިވަގުތު މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ގައި ދިރިއުޅޭ މިފަދަ މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.
މާލެ ސަރަޙައްދުގައި މިހާރު ހަތަރު ވެކްސިނޭޝަން ސެންޓަރެއްގައި ވެކްސިން ދެއެވެ. އެއީ ސޯޝަލް ސެންޓަރު، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އަދި އިސްލާމީ މަރުކަޒު، އަދި ވިލިމާލެ ޔޫތު ސެންޓަރެވެ.
އިސްލާމީ މަރުކަޒުގައި ވެކްސިން ޖެހުމުގެ ހިދުމަތް ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:30 އަށް ލިބޭނެއެވެ. އަދި ވިލިމާލެ ޔޫތު ސެންޓަރުން ހެނދުނު 09:00 އިން ހަވީރު 13:00 އަށް ވެކްސިން ޖަހައިދޭނެއެވެ.
ވެކްސިން ޖަހަންދާއިރު އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިޔުމަށް ވަނީ އަންގާފައެވެ. އަދި، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ ވެކްސިން ޖަހަން ނުދިޔުމަށާއި ބޭހެއް ބޭނުންކުރާނަމަ އެ ބޭހުގެ މައުލޫމާތު ވެސް ގެންދިޔުމަށް ވަނީ އެދިފައެވެ.