ވޭމަންޑޫ އިންޖީނު ގޭގައި އަލިފާން ރޯވެ އަނދަނީ!

ތ ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީިއެފް ސެންޓްރަލް އެރިޔާ ކައްދޫ ފަޔާ ސްޓޭޝަނުން އަންނަނީ މިހާރު ހަރަކާތްތެރި ވަމުންނެވެ.
ވޭމަންޑޫ އިންޖީނު ގޭގައި އަލިފާން ރޯވެ އަނދަމުން ދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން ދާއިރު، ބޮޑު ކަޅު ދުންގަނޑެއް އަރާ މަންޒަރު ފެންނަމުން ދެއެވެ.

ފޮޓޯ: އެމްއެންޑީއެފް
ވޭމަންޑޫ ރައްޔިތެއް "ދެން" އަށް މައުލޫމަތު ދިން ގޮތުގައި އެރަށުން މިއަދު ހެނދުނުން ފެށިގެން ދޭތެރެ ދޭތެރެއިން ކަރަންޓު ދިޔަ ކަމަށާއި، ރަށު ތެރޭގައި ވާހަކަ ދެކެވޭ ގޮތުގައި އިންޖީނުގައި ބާގަނޑެއް ހެދިފައިވާ ކަމަށް ވެެސް އޭނާ މައުލޫމާތު ދިނެވެ. އެހެން ނަމަވެސް މީގެ ހަގީގަތެއް އަދި ނޭނގޭ ކަމުގައި ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން މުޅި ރަށުން ކަރަންޓު މުޅިން ކެނޑިފައިވާ ކަމަށާއި، އިންޖީނު ގޭގައި ހުރި ހުރިހާ އިންޖީނެއް ވެސް އަނދާ ހުލިވެފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހެއް "ދެން"އަށް މައުލޫމާތު ދިނެވެ.
މިހާދިސާއާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ފެނަކައިން މާފަށް އެދިފައިވާއިރު، ކަރަންޓުގެ ޚިދުމަތް ވީއެންމެ އަވަހަށް އިއާދަ ކުރުމަށް ޓަކައި މަސައްކަތް ކުރަމުން ދާކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.