އަސްލެއް ނެތް ކަމެއްގައި އަނބިމީހާ ޝައްކުކޮށް މައްސަލަ އުފެދޭނަމަ އަމަލު ކުރުން މުހިންމު ކަންތައްތަކެއް
އުފާވެރި ޒަވާޖީ ހަޔާތަކީ ލިބޭ ބޮޑު އުފަލެކެވެ. ހިތްހަމަ ޖެހުމެކެވެ. ނަމަވެސް ލޯބިން ކައިވެނި ކުރި ނަމަވެސް ބައެއް މީހުންގެ މެދުގައި އެއްވެސް އަސްލެއް ހަގީގަތެއް ނެތް މައްސަލަ އުފެދި އެ މައްސަލަތައް ހައްލު ނުވެ ކައިވެނި ރޫޅި ދަނީ މަދެއް ކޮށެއް ނޫނެވެ.
ޚާއްޞަކޮށް ޅައުމުރު މައިންބަފައިން ވަކިވެ ، އެކަނިވެރި މާހައުލެއްގައި ހެދި ބޮޑުވާ ކުދީން މީހުންނަށް އިތުބާރު ކުރުމާއި ޝައްކު ކުރުން ފަދަ އާދަތައް ނަފުސުގައި އަށަގަތުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެފަދަ ބައެއް ކުދީން ފުރާ ފުރިހަމަވެ ކައިވެންޏާ ހަމަޔަށް ދިޔުމުން މިފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ޙާލަތްތައް އާދެއެވެ. ފިރިމީހާއަށް ޝައްކު ކުރެވެނީއެވެ. އޭނާ ހިލޭ އަންހެނަކާ ގުޅުން އޮންނަނީއެވެ. އަބަދާއި އަބަދު ޝަކުވާ ކުރަނީއެވެ.
ފިރިއަކަށް މިއީ ވަރަށް އުނދަގޫ ވާނޭ ޙާލަތެކެވެ. ބަރުދާސްތު ކުރަން އުނދަގޫވާނޭ ކަމެކެވެ. މިފަދަ ހާލަތްތަކުން އަރައިގަނެ ، ކާމިޔާބު ހޯދުމުގައި ވިސްނާލަން މުހިންމު ނުކުތާތަކެއް ވެއެވެ.
އެއީ ތިބާގެ މައްސަލައެއް ނޫން
އަނބިމީހާ ތިމާއަށް އިތުބާރު ނުކުރެވި ޝައްކު އުފެދޭ އެއް ސަބަބަކީ އޭނާގެ ޅަ އުމުރުން ފެށިގެން ދިމާވެފައިވާ ބައެއް ކަންކަމެވެ. އާއިލާގެ ފަރާތުން އުފެދިފައި އޮތް ނޭދެވޭ ތަރުބިއްޔަތެވެ. ނުވަތަ ކައިވެންޏާ މެދު އަނބިމީހާ ދުށް ހުވަފެންތަކުގެ ތެރެއިން ނުފުދި އޮތް ހުވަފެން ތަކަކީ ވެސް އޭނާގެ އިތުބާރު ގެއްލޭ ކަންކަމެވެ.
އަނބިމީހާގެ ވިސްނުމުގައި ހުރި ނުރަނގަޅު ކަންކަން ކިޔައިދީ އޭނާ ކަންކަމާ ދެކޭ ގޮތް ބަދަލު ކުރަން މަސައްކަތް ކުރާށެވެ. އަދި އެކަންކަމުން ހެޔޮ ބަދަލެއް ނުފެނިއްޖެނަމަ އޭނާ ތިބާއާ މެދު ދެކޭ ގޮތާ މެދު ފިކުރުކޮށް ކަންބޮޑު ނުވާށެވެ.
ތިމާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވިސްނަންވާނެ
އެއްވެސް އަސްލެއް ހަގީގަތެއް ނެތް ކަމުގައި ތިމާގެ މައްޗަށް އިތުބާރު ނެތި ، ދޮގު ވާހަކަތައް ތިމާއާ ބެހޭ ގޮތުން އަބަދާއި އަބަދު ދެކެވޭނަމަ އެއީ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރާނޭ ކަމެކެވެ. ނަމަވެސް ތިމާގެ މޫޑް ކޮންޓްރޯލް ކުރުމަކީ އެހެން މީހެއްގެ އަތްދަށުގައި އޮތް ކަމަކަށް ނުހަދާށެވެ. ތިމާގެ އިހްސާސްތަކާއި ޖަޒުބަތުތަކަކީ ތިމާގެ އަމިއްލަ ޒިންމާއެއް ކަމަށް ދެކި އެހެން މީހަކަށް ތިމާ ބަލިމަޑު ކަމަކަށް ވައްޓާލިޔަ ނުދޭށެވެ.
ހަމަޖެހިގެން މައްސަލަތަކާ ކުރިމަތިލާށެވެ.
ދިފާއުވުން އެއީ ޚާއްޞަ ކަމަކަށް ނުބަލާ އަނބިމީހާގެ ހުރިހާ ވާހަކަތަކެއް ވެސް ހަމަޖެހިގެން އަޑު އަހާށެވެ. އެހެނީ ރުޅިވެރި މޫޑާއި ބާރު އަޑުން މައްސަލަ އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެއެވެ. އަނބިމީހާގެ އިހްސާސްތަކަށް އިހްތިރާމް ނުކޮށް އޭނާގެ އިހްސާސްތަކާމެދު ހަސަދަވެރިވާނަމަ ނުވަތަ ދެކޮޅުވެރިވާ ނަމަ އަނބިމީހާގެ ހިތުގައި ރޯވެފައި އޮތް ހުޅުގަނޑު އިތުރަށް ރޯވުން ނޫން ނަތީޖާއެއް ނުނިކުންނާނެއެވެ.
އަޑު އަހާށެވެ. މާހައުލު ތަފާތު ކޮށްލާށެވެ.
ދެމީހުންގެ މެދުގައި އޮތް މައްސަލަ ޙައްލު ކުރުމަށް ހިތް ފަސޭހަ ، ހިތްހަމަ ޖެހޭ މާހައުލެއް ޚިޔާރު ކުރާށެވެ. ހަމަ ހިމޭން މާހައުލަކީ އެންމެ އެކަށޭނެ މާހައުލެވެ.
ކެތްތެރިކަމާއެކު އަނބިމީހާގެ ވާހަކަ އަޑު އަހާށެވެ. އަދި ތިމާއާ ބެހޭ ގޮތުން ޝަކުވާ ކުރާނަމަ އިތުރަށް މަޑުމައިތިރިވާށެވެ. ސާފުކޮށް މަޑުމައިތިރިކަމާއި އަދި ތެދުވެރި ކަމާއެކު ދެމީހުންގެ ދެމެދުގައި ވާހަކަތައް ދެކެވިއްޖެނަމަ މައްސަލަ ޙައްލު ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި މިފަދައިން މައްސަލަ ހައްލު ވެއްޖެނަމަ މުސްތަގުބަލުގައި ޝައްކުތަކުން ދުރުވެ ، އަމާން ގުޅުމެއް ދެމީހުންގެ މެދުގައި ގާއިމް ވުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.