އިންޑިއާއަށް ދާން ވިސާ ލިބޭތޯ އެތައް ގަޑިއިރެއް ވަންދެން ދިގު ކިޔޫގައި
ބޭސްފަރުވާއަށް އިންޑިއާއަށް ފުރަން ވިސާ ލިބޭތޯ، އިންޑިއަން ހައި ކޮމިޝަން ކައިރީގައި ކޮންމެ ރެއަކު އެތައް ދިވެހީންނެއް ކިޔު ހަދަމުން ދާކަން ހާމަވެއްޖެއެވެ.
މާލޭގައި ހުންނަ އިންޑިއަން ހައީ ކޮމިޝަން ކައިރީގައި ރޭގައި ވެސް ދިގު ކިޔު އެއް ހަދާފައިވާކަން ހާމަވެފައި ވާއިރު، އޮންލައިން ނޫހަކުން ވަނީ އެތަނުގައި ތިބި ބައެއް މީހުންނާ ސުވާލު ވެސް ކޮށްފައެވެ.
އެގޮތުން އެނޫހަށް މައުލޫމާތު ދެމުން އެތަނުގައި ހުރި އެކަކު ބުނީ އެމީހާ ކިޔުގައި ޖެހުނުތާ އެއީ ދެވަނަ ދުވަސް ކަމަށާއި އޭގެ ކުރީ ރޭ އޭނާ އެތަނަށް ދިޔައީ ފަތިހު 4 ޖެހިއިރު ކަމަށެވެ.
"އެދުވަހު ވަރަށް ދުރުގައި، މަގުގެ އެކޮޅު ކޮޅުގައި ހުންނަން ޖެހުނީ. އެހެންވުމުގެ ސަބަބުން އަޅުގަނޑަކަށް ލައްވައެއް ނުލި. މިރޭ ކިޔުގައި ޖެހިގެން މިހުރީ 9 ވެސް ނުޖަހަނީސް" އޭނާ ބުންޏެވެ.
"ޓިކެޓު މި ލިބެނީ، ވިސާ ލިބުނީމަ. ޓިކެޓު އަތަކަށް ނުލިބޭ ވިސާ ނުލިބެނީސް. މިއީ ވަރަށް އުނދަގޫ ކަމެއް، ރޭގަނޑު ހަތަރުދަމު ނިދި ނަގާލާފައި މިތަނުގައި އައިސް ތިބުމަކީ"
އެތަނުގައި ކިޔުގައި ހުރި އެހެން މީހަކު ބުނީ އޭނާ ކިޔުގައި ޖެހުނީ އިންޑިއާއަށް އޮޕަރޭޝަނެއް ކުރަން ދާން ވެގެން ވިސާ ހޯދުމަށް ކަމަށެވެ. އޭނާ ބުނި ގޮތުގައި ރެއަކީ އޭނާ ވިސާ ހޯދަން ހައި ކޮމިޝަން ކުރިމަތީގައި ކިޔުގައި ޖެހުނު ތިންވަނަ ދުވަހެވެ.
"މިރޭ 7 ޖެހިއިރުއްސުރެ އަޅުގަނޑުމެން މިތިބީ މިތަނުގައި. ގާތްގަނޑަކަށް 12 ގަޑިއިރު ކުރިން އައިސްގެން މިކަމެއް މިވަނީ." އެމީހާ ބުންޏެވެ.
"ޕާސްޕޯޓަކަށް ނަންބަރެއް ދޫކުރަނީ. ކޮންމެ މީހެއް އަތުގައި އެބައޮވޭ ގާތްގަނޑަކަށް 5 ވަރަކަށް ޕާސްޕޯޓް ވަރަށް ދަތި އުނދަގޫތަކެއް ކުރިމަތިވާ ކަމެއް މިއީ"
އިންޑިއަން ހައިކޮމިޝަން މަގުގައި ރޭ ބައެއް ރައްޔިތުން ކިޔުގައި ޖެހިގެން ތިބުމުން ފުލުހުން އެތަނަށް ގޮސް އެމީހުން ތަންކޮޅެއް ދުރަށް ޖެއްސި ކަމަށް ވެސް އެތަނުގައި ހުރި މީހަކު ބުނެފައި ވެއެވެ. ފުލުހުން ބުނީ، އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ކުޑަކޮށް އުނދަގޫ ވާތީ ކުޑަކޮށް ދުރަށް ޖެހިލަން ކަމަށް ވެސް އެމީހާ ބުންޏެވެ.