ޚަބަރު

ބައެއް ލިޔެކިޔުން ނުލިބޭތީ ނިހާންގެ ޝަރީއަތް ފަސްކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުގައި، ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ޙުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ ޝަރީއަތް ފަސް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުން ނިންމައިލީ ނިހާންގެ މައްސަލަ އެހެން ސެކްޝަނަކަށް ބަދަލުވެފައި ވާތީ އެކަން އެންގުމުގެ ލިޔުން އޭނާ އަށް ލިބިފައި ނުވާތީ ކަމަށް ބުނެއެވެ.

އެކަން އެކަން އެންގުމުގެ ސިޓީގެ އިތުރުން ބައެއް ލިޔެކިޔުންތައް ސާފުނުވާކަމަަށް ވެސް ނިހާންގެ ފަރާތުން ވަނީ ބުނެފައެވެ.

ބޮޑު ހިޔާނާތާ ގުޅިގެން ނިހާނުގެ މައްޗަށް ހަ ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ މަނީ ލޯންޑްރިންގެ އެއް ދައުވާ އާއި ރިޝްވަތުގެ ފަސް ދައުވާއެކެވެ.

ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި، ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދިން ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުން ކޮށްފައިވާކަން ތަހުގީގަށް ވަނީ ހޯދިފައެވެ.

މަނީ ލޯންޑްރިންގްގެ ދައުވާ އުފުލީ ނިހާނަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ހައިސިއްޔަތުން، އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވެން ޖެހޭ ހާލަތުގައި، އަދީބު މެދުވެރިވެގެން 150،000 ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށް ފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު، އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ 150،000 ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ އުފުލީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރި އަދީބު ގާތު އެދިފައިވާތީ އުފުލާފައި ވަނީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ އެވެ.

އަދި އެ ގަޑި ބަލައިގަނެފައި ވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ވެސް ވަނީ އުފުލައިފައެވެ.

ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދި އަދި އަދީބު ދިން ފައިސާގައި ހިފާފައި ވާތީ، ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!