ވިސާ ކިޔުގެ މައްސަލަ ވަރަށް އަވަހަށް ހައްލު ކުރާނަން: އިންޑިއާ
ދިވެހިން އިންޑިއާގެ ވިސާ ހޯދުމަށް އިންޑިއަން ހައި ކޮމިޝަން ދޮށުގައި ކިއު ހަދައިގެން ގިނަ ވަގުތު ތިބެން ޖެހޭ މައްސަލަ ވަރަށް އަވަހަށް ހައްލުކޮށް، އެ ހިދުމަތް އޮންލައިން ކުރާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނެފިއެވެ.
އެގޮތުން އެ ކޮމިޝަނުން ބުނީ ވިސާއަށް ފޯމް ހުށައަޅުއްވާ ފަރާތްތަކަށް ޓޯކެން ސިސްޓެމްގެ ސަބަބުން ދިމާވެފައިވާ ދަތިތައް ފާހަގަ ވެފައިވާ ކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ވަނީ ބަންދު ކުރެވިފައި ކަމަށާއި ނަމަވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން ޖޫން 2020 އިން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ބޭސް ފަރުވާއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިކަން އެކޮމިޝަނުން ފާހަގަ ކޮށްފައިވެއެވެ. އަދި މިހާތަނަށް 5000 މެޑިކަލް ވިސާ ދޫކުރެވިފައިވާ އިރު 2021 ގައި އެކަނިވެސް 2000 މެޑިކަލް ވިސާ ވަނީ ދޫކުރެވިފައިކަމަށް އިންޑިއާއިން ބުނެއެވެ.
"މެޑިކަލް ވިސާއަށް ފޯމް ހުށައަޅުއްވާ ފަރާތްތަކަށް ޓޯކެން ސިސްޓަމް ސްޓްރީމްލައިންކޮށް ވިސާ ޓޯކެން ސިސްޓެމްގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ހައްލެއް ލިބިގެންދާނެއެވެ،" އިންޑިއަން ހައި ކޮމިޝަނުން ބުންޏެވެ.