މާތް ﷲ ގެ ނިންމެވުންތަކަށް ފުރިހަމައަށް ތަބާވި ކެތްތެރި މައެއްގެ ވާހަކަ
މިއީ ސައުދީ އަރަބިއާގެ ހޮސްޕިޓަލެއްގެ ޑިޕާޓްމެންޓް އޮފް ކާޑިއޮލޮޖީ ގެ ޑޮކްޓަރެއް ކިޔައިދީފައިވާ ވާހަކައެއްގެ ތަރުޖަމާ އެކެވެ.
"އެއީ އުމުރުން ދޮޅު އަހަރުގެ ތުއްތު ފިރިހެން ކުއްޖެކެވެ. އެކުޑަ ފިރިހެން ކުއްޖާގެ ސާޖަރީ އަހަރެން ހެދީ އަންގާރަ ދުވަހެއްގައެވެ. ސާޖަރީ ހެދި ދުވަސް ނޫން އަނެއް ދުވަހު، އެކުއްޖާގެ ހާލަތު ތަންކޮޅެއް ރަނގަޅުކަން އަހަންނަށް ފާހަގަވިއެވެ. އޭނާ އިނީ ކުޅޭށެވެ.
ނަމަވެސް އެރޭ 11:15 ހާއިރު، ނަރުސް ކުއްޖެއް ވަރަށް ހާސްވެފައި އަހަންނަށް ގޮވާފައި ބުނީ، އެކުޑަ ކުއްޖާ ނޭވާ ނުލާ ކަމަށާއި އެކުއްޖާގެ ހިތްވެސް މަސައްކަތް ނުކުރާ ކަމަށެވެ.
ވަގުތުން އަހަރެން އެކުއްޖާ ކައިރިއަށް ދިޔައިމެވެ. އަދި 45 މިނެޓު ވަންދެން އޭނާގެ މޭގައި މަޑުމަޑުން ފިރުމާލަ ފިރުމާލަ ހުރީމެވެ. މާތް ﷲ ގެ ކުޅަދުންވަންތަ ކަމުން އެކުއްޖާގެ ހިތުގެ ވިންދު އަނެއްކާވެސް ޖަހަން ފެށިއެވެ. އަހަރެން އެކަމަށް ޙަމްދުކޮށް، އެކުއްޖާގެ މައިމީހާއަށް އެޚަބަރު ދޭން ބޭރަށް ނުކުތީމެވެ.
އެތުއްތު ކުއްޖާގެ މަންމައަށް އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. މަރުގެ ތުންފަތްމަތިން އެދަރިފުޅު ހަމަކިރިޔާ ސަލާމަތް ކުރެވުނީ ކަމަށް ބުނީމެވެ. އަހަރެން ދެއްކި ހުރިހާ ވާހަކައެއް ވެސް އޭނާ އަޑުއެހީ ނުހަނު މަޑުމައިތިރިކޮށް ހުރެއެވެ. އަހަރެން ހީކުރީ އެހެން އަންހެނުންހެން، ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން، އޭނާވެސް އަޑުން އަޑު ނަގާ ރޯނީ ކަމަށެވެ.
ނަމަވެސް އޭނާ ހަމައެކަނި ބުނީ 'އަލްހަމްދުލިﷲ' މިހެންނެވެ.
އެކުއްޖާ ބާއްވާފައި އޮތީ އައިސީޔޫ ގައެވެ. އޭގެ 10 ދުވަސްވަރު ފަހުން އެކުއްޖާއަށް ކޮންމެވެސް ވަރަކަށް ހަރަކާތް ކުރެވެން ފެށުމުން، އަހަރުމެން ހީކުރީ ކުއްޖާގެ ބަލި ހާލަތު ރަނގަޅުވަނީ ކަމަށެވެ. އެކަމަށް އަހަރުމެން މާތް ﷲ އަށް ޙަމްދު ކުރީމެވެ.
ނަމަވެސް އޭގެ 12 ދުވަސް ފަހުން އަނެއްކާވެސް އެކުއްޖާގެ ހިތް ހުއްޓުނެވެ. އެފަހަރު ވެސް އަހަރެން 45 މިނެޓެއްހާއިރު ވަންދެން އެކުއްޖާގެ މޭގައި މަޑުމަޑުން ފިރުމީމެވެ. ނަމަވެސް އެފަހަރު އެއްވެސް ވަރަކަށް އެކުއްޖާގެ ހިތުގައި ވިންދެއް ނުޖެހިއެވެ.
އެކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ކުޑަކަމަށް އަހަރެން އޭނާގެ މަންމަ ގާތު ބުނީމެވެ. އެފަހަރުވެސް އެކުއްޖާގެ މަންމަ އެއްވެސް ވަރަކަށް ނުރޮއެވެ. އޭނާ ބުނީ 'އަލްޙަމްދުލިﷲ. ޔާ ﷲ، މިއަޅާގެ ދަރިފުޅަށް ޝިފާ ދިނުމަކީ ރަނގަޅު ކަމެއް ކަމުގައިވާނަމަ، އެދަރިފުޅަށް އަވަސް ޝިފާއެއް ދެއްވާނދޭވެ' މިހެންނެވެ.
މުއުޖިޒާތެއް ފަދައިން، އެފަހަރުވެސް އެކުއްޖާގެ ހިތް އަނެއްކާ ވެސް މަސައްކަތް ކުރަން ފެށިއެވެ.
އޭގެފަހުން އެކުއްޖާގެ ބަލިޙާލަތަށް ދިޔައީ އެކި ދުވަސްވަރު އެކި ގޮތްގޮތް ވަމުންނެވެ. އެއްބައި ފަހަރު ވަރަށް ރަނގަޅުވެއެވެ. އަދި އަނެއްބައި ފަހަރު ހީވަނީ ހަމަ ދެންމެ ދެންމެ އެކުޑަ ހަށިގަނޑާ ފުރާނަ ވަކިވެދާނެ ހެންނެވެ.
އެޙާލަތުގައި އެކުއްޖާ އޮންނަތާ ތިން މަސް ދުވަސް ވޭތުވެގެން ދިޔައެވެ. އޭރުވެސް އޭނާ އޮތީ އައިސީޔޫގައެވެ. އެދުވަސްކޮޅު އޭނާގެ ސިކުނޑީގެ އެއްފަޅި ދުޅަވެސް ވިއެވެ. އަހަންނާއި އެހެން ޑޮކްޓަރުންގެ ޓީމަކުން އެކުއްޖާއަށް ފަރުވާ ދޭން ފެށީމެވެ. ހާޓް އެޓޭކެއް ނުޖެހުނު ކަމުގައި ވިޔަސް، އެކުއްޖާގެ ސިކުނޑީގެ އެއްފަޅި ދުޅަވެފައިވާ ކަމަށާއި އެކަމުން ފުރާނައަށް ނުރައްކާތެރި ވެދާނެ ކަމުގެ ހިތްދަތި ޚަބަރު އަހަރެން އެކުއްޖާގެ މަންމައަށް ދިނީމެވެ. ނަމަވެސް އެފަހަރު ވެސް އެކުއްޖާގެ މަންމަ މާތް ﷲ އަށް ދުޢާ ދަންނަވާފައި ބުނީ 'ޔާ ﷲ. މިއަޅާގެ ދަރިފުޅަށް ޝިފާ ދިނުމަކީ ރަނގަޅު ކަމެއް ކަމުގައިވާނަމަ، ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވާފާންދޭވެ' މިހެންނެވެ. އެފަހަރުވެސް އެކުއްޖާ ސަލާމަތްވިއެވެ.
ނަމަވެސް އޭގެ ހަމަސް ފަހުން ކުއްލިއަކަށް އޭނާއަށް ޖެހުނީ، އަހަރެންގެ މުޅި މެޑިކަލް ކެރިއަރުގައި ވެސް އަދި ނުދެކޭ ފަދަ ބައްޔެކެވެ. އެތުއްތު ކުއްޖާގެ މޭމަތި ދުޅަވެ، ވާހަކަ ވެސް ނުދެއްކެވުމުގެ އިތުރުން ލޮލުގެ ފެނުން ގެއްލުނެވެ. އެފަހަރުވެސް އަހަރުމެން އުންމީދު ކަނޑާލީމެވެ. ނަމަވެސް އެކުއްޖާގެ މަންމަގެ ހިތްވަރަށް ގުޑުމެއް ވެސް ނާދެއެވެ.
އެކަންތަކުން އެކުއްޖާ ސަލާމަތްވީ އޭގެ އަށް މަސް ފަހުންނެވެ. އެކަންވީ އަހަރުމެންނަށް ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ.
އެކުއްޖާގެ ހުރިހާ ކަމަކަށް ޝިފާ ލިބި އެއްކޮށް ރަނގަޅުވެ، ހޮސްޕިޓަލްގެ އައިސީޔޫ އިން ވެސް ދޫކޮށްލެވުނެވެ. ފަހުން އަހަންނަށް ފެނުނީ، އެކުއްޖާ ކުރިއެކޭ ވެސް އެއްފަދައިން ދުވެ، ހީ ސަކަރާތް ޖަހާފައި އުޅުނު މަންޒަރެވެ.
އޭގެ ދެ އަހަރުފަހެވެ. އަހަރެން އޮފީހުގައި އިންދާ، އަހަންނާ އެއްކޮށް މަސައްކަތް ކުރާ އެހެން މީހަކު ބުނީ، ދެމަފިރިއަކު އެމީހުންގެ ދެދަރިިންނާއެކު އަހަންނާއި ބައްދަލު ކުރަން ގޮސް ތިބި ކަމަށެވެ. އެއީ ކޮންބައެއްތޯ ބެލުމަށް އަހަރެން ނިކުތް އިރު ފެނުނީ، އަހަރެން ފަރުވާދިން އެކުޑަ ފިރިހެން ކުއްޖާއާއި އޭނާގެ މައިން ބަފައިންނާއި އަދި މަހެއްހާ ދުވަސް ފުރިފައިވާ އޭނާގެ ތުއްތު ތުއްތު އަންހެން ކޮއްކޮއެވެ.
އެމީހުން ބުނީ، އެމީހުން އައީ ކުޑަ ފިރިހެން ކުއްޖާއަށް އަހަރެން ފަރުވާ ކުރުމުން، އަހަންނަށް ޝުކުރު އަދާ ކުރުމަށް ކަމަށެވެ.
އަހަރެން އެކުއްޖާއަށް ބަލާލީމެވެ. އެއީ އޭގެ ދެއަހަރު ކުރިން އެހޮސްޕިޓަލުގައި އެފަދަ ބަލި ޙާލަތެއްގައި އޮތް ކުއްޖެއް ކަމަށް އަހަންނަށް ޤަބޫލު ކުރަން ވެސް ދަތިވިއެވެ. އެހާވެސް އޭނާގެ ޙާލަތު ރަނގަޅެވެ.
އެކުއްޖާގެ ބައްޕަ އެއްކައިރިއަކަށް ގެންގޮސްފައި އަހަރެން އޭނާގެ އަންހެނުން، އަދި އެކުއްޖާގެ މަންމަގެ ހިތްވަރު ގަދަ ކަމުގެ ވާހަކަ ދެއްކީމެވެ. އެދުވަސްވަރު އޭނާ ދެމުން ގެންދިޔަ ޖަވާބު ވެސް ބުނީމެވެ.
ހިނިތުންވުމާއި އެކު އޭނާބުނީ 'އަހަރުމެންނަށް އެދަރިފުޅު ލިބުނީ ކައިވެނި ކޮށްގެން އުޅޭތާ 17 އަހަރު ފަހުންނެވެ. އެދެވިގެންވާ އުޒުރަކާއި ނުލާ، ދުވަހަކުވެސް އަހަރެންގެ އަނބިމީހާ ނަމާދެއް އެޅި ހަނދާނެއް އަަހަރެން ނުވެއެވެ. އޭނާއަކީ ވަރަށް ސޯލިޙު އަޅެކެވެ. އަދި މީގެ އިތުރުން އޭނާއަކީ ދުވަހަކު ވެސް މީހުންނާއި ދިމާލަށް ބާރަށް އެއްޗެއް ބުނެ މީހުންގެ ނެތި މޮށޭ މީހެއް ވެސް ނޫނެވެ.'
އަހަންނަށް ދެން އިތުރަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ."
ޙަމްދުﷲ މިހުރީ ﷲގެ ނިޔާފުޅާއި ކުޅަދުންވަންތަ ކަމުގެ މަތިވެރިކަން. ޢިބުރަތް ހާސިލު ކުރޭ. ސަލާމަތް އޮތީ އެގޮތުގައި.