ޚަބަރު

ނިޔާވި ޒުވާނާ މީގެ ކުރިން ވެސް އެކްސިޑެންޓެއްވެ، އުއްމީދު ކަނޑާލި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފުވައްމުލަކުގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ދެ ޒުވާނުންގެ ތެރެއިން އަޙުމަދު މުތީޢު އަކީ މީގެ ހަތަރު އަހަރު ކުރިން ވެސް އެރަށުގައި ނުރައްކާތެރި އެކްސިޑެންޓެއްވި ޒުވާނެއްކަން ހާމަ ވެއްޖެއެވެ.

Ads by MWSC

އެގޮތުން 2017 ވަނަ އަހަރު ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ފުއްޕާމެއަށް ލޭ އެޅި، މުތީޢު ގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމާ މެދު ޑޮކްޓަރުން އުއްމީދު ވެސް ކަނޑާލިއެވެ.

ނަމަވެސް އެފަހަރު އޭޑީކޭ ހޮސްޕިޓަލުން އޭނާއަށް ފަރުވާދީ ވަނީ ރަނގަޅު ވެފައެވެ.

އެއަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ފުވައްމުލަކު ލިންކް ރޯޑްގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި މުތީއުގެ ފުއްޕާމެއަށް އަނިޔާވުމުގެ އިތުރުން ވާތު ކޮނޑު ކަށިގަނޑާއި ވާތު ފައި ވަނީ ބިނދިފައެވެ. އަދި ކަނާތު ކޮނޑު ހުޅަށް ވެސް އަނިޔާ ވިއެވެ.

އެނގިފައިވާ ގޮތުގައި ފުވައްމުލަކު ހޮސްޕިޓަލުން އެމަޖެންސީގައި އޭނާ މާލެ ފޮނުވައި ފުރަތަމަ އެޑްމިޓްކުރީ އައިޖީއެމްއެޗް ގައެވެ. ނަމަވެސް އައިޖީއެމްއެޗުން ފަރުވާ ދެވެން ނެތުމުން އޭނާ ބަދަލުކުރީ އޭޑީކޭ ހޮސްޕިޓަލަށެވެ.

އޭރު މުތީޢުގެ އާއިލާއިން ފުރަތަމަ ހީކުރީ ފަޔާއި ކޮނޑު ކަށިގަނޑު ބިނދުން ނޫން މައްސަލައެއް އޭނާގެ ނެތް ކަމަށެވެ. ރާއްޖެއިން ފަރުވާ ހޯދަން ނިންމީ ވެސް އެހެންވެއެވެ. ނަމަވެސް އޭނާގެ ފުއްޕާމޭގައި ލޭ ގަނޑުވުމުގެ ސަބަބުން ފުރާނައަށް އޮތީ ވަރަށް ބޮޑަށް ނުރައްކާވެފައިކަން ފަހުން އެނގުނެވެ.

އޭޑީކޭގެ ކަށީގެ ޑޮކްޓަރު މުހައްމަދު މިޝްވާާާރު އަޝްފާގް އޭރު ވިދާޅުވީ މުތީއު ގެނައި އިރު އޮކްސިޖަން ގުޅާފައި ހުއްޓަސް އޭނާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބޭ ކަމަށާއި އެހެންކަމުން އޮޕަރޭޝަން ކުރަން އޮތް ރޭ އައިސީޔޫއަށް ބަދަލުކުރި ކަމަށެވެ.

އޭގެ ފަހުން ވެސް ހާލަތު ރަނގަޅު ނުވެ، ހާލު ދަށްވުމުން އެންމެ ފަހުން ވެންޓިލޭޓަރަށް ލިއެވެ.

ހާލަތު ދަށްކަމުން މުތީއު އަށް ފަރުވާ ދޭން ހާއްސަ ޓީމެއް އެކުލަވާލި އެވެ. އެ ޓީމުގައި ހިމެނުނީ ކަށީގެ ޑޮކްޓަރުންގެ އިތުރުން އައިސީޔޫގެ ހާއްސަ ޑޮކްޓަރަކާއި ފުއްޕާމޭގެ ހާއްސަ ޑޮކްޓަރަކާއި ހޭނައްތާ ޑޮކްޓަރެކެވެ.

މާތް ﷲ ގެ އިރާދަފުޅާއެކު އޭޑީކޭ ގެ ޑޮކްޓަރުންގެ ކުޅަދާނަކަމުން އެފަހަރު މުތީއު އަށް ފަރުވާ ކުރެވި، އޭނަގެ ފުރާނަ ސަލާމަތް ކުރެވުނެވެ.

މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މުތީޢު އިނީ ސްޕޯޓްސް ކާރެއްގައިކަން ވަނީ އެނީ އެނގިފައެވެ. އަދި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ އެ ކާރު ގޮސް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއްވެ، މުތީޢު މިވަނީ މި ފަނާ ކުރުވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔާފައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by HDC
  1. ޢަރަބި ލިޔުން ރަނގަޅު ކުރަމާ

    إنا لله وإنا إليه راجعون

    • ޙަލީމަ

      إنا لله وإنا إليه راجعون