ޚަބަރު

އިދިކޮޅު ލީޑަރަކީ ރައީސް ޔާމީން ، ޤާނޫނަށް ބަދަލު ގެނައުމަކުން އެކަން ބަދަލެއް ނުވާނެ: އާދަމް ޝަރީފް

އާއިޝަތު އަލީނާ ، ދެން އޮންލައިން

އިދިކޮޅު ލީޑަރަކީ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ކަމަށާއި ޤާނޫނަށް ބަދަލު ގެނައުމަކުން އެކަން ބަދަލެއް ނުވާނެ ކަމަށް އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

Ads by MWSC

އިދިކޮޅު ލީޑަރަށް ޤާނޫނީ ހައިސިއްޔަތު ދޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރު ވަމުންދާ މި ދަނޑިވަޅުގައި ، މިއަދު ކުރެއްވި ޓްވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ލީޑަރަށް ، އިޚްލާޞްތެރިކަމާއެކު ޤާނޫނީ ހައިސިއްޔަތު ދޭން ބޭނުންވާނަމަ ފުރަތަމަ ކުރަންވީ ކަމަކީ ނުޙައްޤުން ޖަލަށް ލާފައިވާ ރައީސް ޔާމީން މިނިވަން ކުރުން ކަމަށެވެ.

އިދިކޮޅު ލީޑަރަށް ޤާނޫނީ ހައިސިއްޔަތު ދިނުމުގެ ބިލްގައިވާ ގޮތުން އިދިކޮޅު ލީޑަރަށް އޮފީހަކާއި ކާރުކޮޅަކާއި ހިމާޔަތް ވެސް ލިބިވަޑައިގަންނަވާނެއެވެ. މި ބިލާ ގުޅިގެން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ އިދިކޮޅު ލީޑަރެއް ނެތުމަކީ ސަރުކާރަށް ވެސް މަޝްވަރާތައް ކުރަން ދިމާވާ ދައްޗެއް ކަމަށާއި މި ބިލް ހުށަހެޅުމަކީ ނުބައި ވިސްނުމެއްގައި ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އޭގެ ބޭނުމަކީ ވާދަވެރި ސިޔާސީފަރާތްތަކެއް ކަނޑައެޅިފައި އޮތުން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މިހާރު ގާނޫނަށް ގެނެސްފައިވާ އިޞްލާހާއެކު ޖަލު ހުކުމެއްގައި ހުންނަވާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއްގެ ލީޑަރު ކަމުގައި ނުހުންނެވޭނެއެވެ. ނަމަވެސް އިދިކޮޅުން ރައީސް ޔާމީނަކީ ނުޙައްޤުން ޖަލަށް ލެވިފައިވާ ބޭފުޅެއް ކަމަށާއި އެހެން ކަމުން މިހާރުގެ އިދިކޮޅު ލީޑަރަކީ އަދި 2023 ގެ އިދިކޮޅު ކެނޑިޑޭޓަކީ ވެސް ރައީސް ޔާމީން ކަމަށް އިދިކޮޅުން ވަނީ ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!