ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިޔަސް މާއްދާ27 ގެ ބޭނުން ހިފާނަން: މަލީޙް

ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިޔަސް ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފާނެ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަލީޙުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާކޮށް، މަޖިލިހަށް އެމަނިކުފާނު ހާޒިރު ކުރުމުން ވިދާޅުވީ ގާނޫނު އަސާސީގައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަޖިލީހުން ހުރަސް އަޅާ މަންޒަރު މިއަދު ފެނިގެންދާ ކަމަށެވެ.
"އެހެންވީމަ ތަކުރާރުކޮށް މި ދަންނަވަނީ ހަކުރާގޭ ފެންޑާގައި އެލުވި ކަމުގައި ވިޔަސް މާއްދާ27 ގެ ބޭނުން އަޅުގަނޑު ހިފާނަން" މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ މަލީޙް ވިދާޅުވީ އޭނާ މިއަދު މަޖިލިހަށް ވަޑައިގެންނެވީ ވަޒީފާ ދިފާއު ކުރައްވަން ނޫން ކަމަށާއި އޭގެ ބަދަލުގައި މާއްދާ 27 ގެ ދިފާއުގައި ކަމަށެވެ. އަދި މިއީ އެއްވެސް އަސާސެއް ނެތް، މަކަރާއި ހީލަތުން ވަޒީރެއްގެ ނަން ކިލަނބު ކޮށްލުމަށް މަޖިލީހުގެ މެމްބަރުންތަކެއް ހުށަހަޅާފައިވާ "ޒާތީ" މައްސަލެއް ކަމަށް ވެސް މިނިސްޓަރ މަލީޙް ވިދާޅުވި އެވެ.
މިނިސްޓަރ މަލީހް ވިދާޅުވީ 14 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ އެ މައްސަލަ ރައްދު ވަނީ އެމަނިކުފާނަށް ކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށާއި މިނިސްޓްރީއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އެކަމުގައި ސުވާލު އުފެދޭތީ ބާތިލް އެއްޗަކަށް ހަދައިދޭން މަޖިލީހަށް ފޮނުވި ކަމަށެވެ.