ޚަބަރު

ކޮވިޑް-19: ފުވައްމުލަކުން އިތުރު ދެ މީހަކު ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޏ. ފުވައްމުލަކު ސިޓީން އިތުރު ދެ މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ފުވައްމުލަކު ސިޓީގެ އެމާޖެންސީ އޮޕަރޭޝަން ސެންޓަރ އިން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރައްވަމުން ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބުނީ، އެ ސިޓީން މިއަދު ފައްސިވި ދެ މީހުންނަކީ އެރަށުން ދެވަނަ އަށް ފައްސިވި ކްލަސްޓާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ތެރެއިން ކަރަންޓީން ކޮށްފައިވާ ދެ މީހުން ކަމަށެވެ.

މިއަދު ފުވައްމުލަކުން ފައްސިވީ ދެ މީހުންނާއެކު، އެސިޓީން ފައްސިވީ މީހުންގެ އަދަދު މިހާރު ވަނީ 50 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 19 މީހަކަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިހާތަނަށް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާރު ރާއްޖެއިން 19،793 މީހުން ވަނީ ކޮވިޑަށް ފައްސި ވެފައެވެ. އަދި 17،249 މީހުން މިހާރު މިބަލިން ފަސޭހަވެފައިވާއިރު، 62 މީހުން ވަނީ މިބަލީގައި ރާއްޖެއިން ނިޔާވެފައެވެ.

ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

އެހެންކަމުން އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުންވެސް ވަނީ މަޖުބޫރު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!