ޚަބަރު

ދިވެހި ފަންނާނުންގެ މަސައްކަތަށް ހުރަސް އެޅޭގޮތަށް ބިދޭސީންލައްވާ މަސައްކަތް ކުރުވާނަމަ ފިޔަވަޅު އަޅާނަން: އިމިގްރޭޝަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ސަން

ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސް އެޅޭގޮތަށް ބިދޭސީން ލައްވާ މަސައްކަތް ކުރުވާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިމިގްރޭޝަނުން ދީފިއެވެ.

Ads by Sosun Fihaara

އިމިގްރޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެ ވުމަށްފަހު، އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން ރިސޯޓުތަކުން ފޮޓޯގްރަފަރުންގެ ގޮތުގައާއި އަދި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ޝާމިލް ކުރަމުންދާކަމުގެ ގިނަ ޝަކުވާތަކެއް ވެސް ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ފާހަގަ ކޮށްފައިވެއެވެ.

އިމިގްރޭޝަނުން ބުނީ، އެ ޝަކުވާތަކާ ގުޅިގެން މައްސަލަތައް ބަލާ މިހާތަނަށް 60 ފަރާތެއް ރާއްޖެއިން ފުރުވާލުމަށް އަންގާފައި ވާނެ ކަމަށާއި އަދި އޭގެ ތެރެއިން މިހާތަނަށް ބޯޑަރު ހުޅުވާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން ފުރާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އަދިވެސް ބައެއް މީހުން ބިދޭސީންނަށް ދީފައިވާ ހުއްދައިގެ ބޭރުން އެމީހުން ލައްވާ ފޮޓޯގްރަފީ އަދި މިޔުޒިކީ މަސައްކަތްތަށް ކުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

"ވީމާ، އިސްވެ ދެންނެވި ފަދައިން މަސައްކަތް ކުރުވާ ފަރާތްތަކާ މެދު މި އިދާރާއިން ހަރުކަށި ފިޔަވަޅު އަޅަމުން ދާނެކަން މިފުރުސަތުގައި ހަނދާން ކޮށްދެމެވެ. ހަމައެއާއެކު ދިވެހި ފަންނާނުންގެ ކުރިމަގަށް ނުރަނގަޅު އަސަރު ކުރާނެ ފަދަ އަމަލުތަކުން އެއްކިބާ ވުމަށާއި، ގަވައިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތް ނުކުރުވުމަށް އިލްތިމާސް ކުރަމެވެ." އިމިގްރޭޝަނުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!