ކޮވިޑް-19: ބާރަށުން 22 މީހުން ފައްސިވެ، 300 އަށްވުރެ ގިނަ ގެ ކަރަންޓީނުކޮށްފި

ހއ. ބާރަށުން ޖުމްލަ 22 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 300 އަށްވުރެ ގިނަ ގެ ކަރަންޓީނު ކޮށްފިއެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން ބާރަށު ކައުންސިލުގެ ނައިބު ރައީސް ޢަލީ ޝަމީމް ވިދާޅުވީ އެރަށުން ގާތްގަނޑަކަށް 300 އަށްވުރެ ގިނަ މިހާރު ކަރަންޓީނު ކޮށްފައިވާއިރު، ޖުމްލަ 22 މީހަކު މިހާރު ބާރަށުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.
"ޖުމްލަ 22 މީހުން މިހާރު ފައްސި ވެއްޖެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ވެސް ހިމެނޭ. އޭނާ މިހާރު ވަނީ ށ. ފުނަދޫ ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައި. އެއީ އުމުރުން ދުވަސްވީ ބޭފުޅަކަށްވާތީ" ޝަމީމް ވިދާޅުވިއެވެ.
ބާރަށުގައި ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން އެރަށް މިވަގުތު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މޮނީޓަރިންގެ ހާލަތުގައި އެރަށް އޮތުމުގެ ސަބަބުން މިވަގުތު ބައެއް ދަތިތަކާވެސް ކުރިމަތިވަމުންދާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.
"ވަރަށް އުނދަގޫ ހާލަތެއް މިއީ. އެއްވެސް ބޭފުޅަކަށް ރަށުން ބޭރަށް ވެސް ނުނިކުމެވޭނެ. ވަރަށް ދަތި ވަގުތެއް މިއީ." ޝަމީމް ވިދާލުވިއެވެ.
މީގެ އިތުރުން ޝަމީމް ވިދާޅުވީ ބާރަށް ބޭނުންވާ ޒަރޫރީ ބައެއް އެއްޗެހި ކާގޯ ބޯޓުން މިއަދު ގެނެސްފައިވާ ކަމަށެވެ.