3 އަހަރަށްފަހު ބާޣީ ލުތުފީ އެނބުރި މިނިވަނަކަށް ވާނެ
ރާއްޖެއަށް މީގެ 33 އަހަރު ކުރިން ދިން އުދުވާނީ ހަމަލައިގެ އެންމެ އިސް މޭސްތިރި ޢަބްދުﷲ ލުތުފީ އަށް މިއަދު އިއްވި ހަތް މަހާއި 18 ދުވަހުގެ ޖަލު ހުކުމާއެކު އޭނާގެ ޖަލު ހުކުމް ތަކުގައި ދެން ބާކީ އޮތީ އެންމެ ތިން އަހަރު ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ބާޣީ ލުތުފީއަށް މިއަދު ހަތް މަހުގެ ޖަލު ހުކުމެއް އިއްވީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވާލުމުން ނުވަ އަހަރު ވަންދެން ފިލައިގެން ޝްރީލަންކާގައި އުޅުނު މައްސަލައިގައެވެ.
ނަމަވެސް 2019ގައި ލުތުފީ އަމިއްލައަކަށް ވަނީ ސްރީ ލަންކާގެ އެމްބަސީ އަށް ގޮސް ކަމާބެހޭ ފަރާތްތަކާ ހަވާލު ވެފައެވެ. އަދި ލަންކާ އެމްބަސީއާއި ފުލުހުން ގުޅިގެން އޭނާ ވަނީ ރާއްޖެ ގެނެސްފައެވެ.
ރާއްޖެއިން ބޭރުގައި ބާޣީ ލުތުފީ އުޅުނީ، ސިފަ ބަދަލު ކޮށްގެން އެކި ނަންނަމުގައެވެ.
ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ އުދުވާނީ ހަމަލާގައި ލުތުފީއަށް އިއްވި ޖަލު ހުކުމުގެ ބާކީ ދެން އޮތީ ދެ އަހަރާއި ހަ މަސް ކަމަށެވެ. މިއަދު އިއްވި ހުކުމާ ލައިގެން އޭނާ މިނިވަންވާން އޮތީ 3 އަހަރެވެ.
ބާޣީ ލުތުފީ ވަނީ 1988 ވަަނަ އަހަރު ރާއްޖެއަށް ޓެރަރިސްޓުންތަކެއް ގެނެސް ދިން ހަމަލާގައި 19 ދިވެއްސެއްގެ ލޭ އޮހޮރުވާލާ ޝަހީދު ކޮށްލާފައެވެ.