ޚަބަރު

މިނިސްޓަރ ޒަހާ ވަކި ކުރަން ހުށަހެޅީ ކޯލިޝަން ފިތުނަ ކުރަން: އެމްއާރްއެމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ މެންބަރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކީ އެއްވެސް އަސާސެއްނެތް، ސަރުކާރު ކޯލިޝަން ތެރޭގައި ފިތުނަވެރިކަން އުފެއްދުމަށް ސިޔާސީ ބޭނުމަކަށް ހުށަހަޅާފައިވާ މައްސަލައެއް ކަމުގައި އެކަމަނާ ހިމެނި ވަޑައިގަންނަވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

Ads by STELCO

މިނިސްޓަރ ޒަހާ ވަކި ކުރުމަށް އިދިކޮޅުގެ ފަރާތުން ހުށަހެޅުމުން، އެމްއާރްއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިނިސްޓަރ ޒަހާއަކީ މެރިން ބައޮލޮޖީ އަދި އޯޝަނޮގްރަފީ ދާއިރާއިން ޖޮއިންޓް އޮނާރސް ޑިގްރީ ފުރިހަމަ ކުރައްވާ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖުމަންޓް) ދާއިރާއިން މާސްޓަރސް ޑިގްރީ ހައްދަވައިގެން، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

އެކަމަނާ މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެން، 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި އޮތް މަސްވެރިކަމުގެ ޤާނޫނު ޒަމާނީ ޤާނޫނަކަށް ބަދަލުކޮށް މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލަވާލެއްވި ކަމަށާއި ކޮވިޑް-19 ގެ ދަތި ޙާލަތުގައި ވެސް އިޤްތިޞާދީ މުހިންމު ޞިނާޢަތްތަކެއް ކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ މަގު ފަހި ކޮށްދެއްވިކަން ވެސް އެބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މިއާއެކު ޔޫރަޕްގެ މާކެޓްގައި ދިވެހި މަހަށް ރަނގަޅު އަގެއް ހޯދުމަށްޓަކައި ހުއްޓުމެއް ނެތި ކުރައްވާ މަސައްކަތާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށްޓަކައި ޕެސްޓިސައިޑް ޤާނޫނެއް ވުޖޫދަށް ގެންނެވުމާއި، މެރިކަލްޗަރ ޞިނާޢަތެއް ރާއްޖޭގައި ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭގެ އިތުރުން، މިފްކޯގައި ހުރި ޒަމާންވީ ގިނަ މައްސަލަތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށް މިނިސްޓަރ ޒަހާ އިސްވެ ހުންނަވައިގެން ޕްލޭންތައް ހައްދަވައި އެކަމުގެ ޢަމަލީ މަސައްކަތް ފެއްޓެވި ފެއްޓެވުމުން ވެސް މިނިސްޓަރ ޒަހާގެ ހިންގުންތެރިކަމާއި ޤާބިލުކަން އެނގިގެންދާ ކަމަށް އެޕާޓީން ބުނެއެވެ.

"ކޯލިޝަން ސަރުކާރުން ޤައުމުގެ އިސް މަޤާމުތަކުގައި އަންހެނުންނަށް ފުރުޞަތުދެއްވާފައި ވާއިރު އެކަމާއި ޙަސަދަވެރިވެ އަންހެނުން ބާކީކޮށް ނިކަމެތިކުރުމުގެ ވިސްނުން ގެންގުޅުއްވާ މަދު މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރައްވަން ތިއްބެވުމަކީ މި ޕާޓީއިން ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެއް. ޤައުމުގެ ތަރައްޤީއަށް އަންހެނުންގެ ޙިއްޞާ އިތުރު ކުރުމަކީ ނުހަނު ބޭނުންތެރިކަމަކަށް ވާއިރު، މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކީ އަންހެނުން ބާރުވެރި ކުރުމާ ދެކޮޅަށް ކުރާ މަސައްކަތެއް" އެމްއާރްއެމްގެ ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.

މީގެއިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، އެމަނިކުފާނުގެ ސިޔާސަތުތައް ދަމަހައްޓަވާ، ސަރުކާރާއި ރައްޔިތުންގެ ޚިދުމަތުގައި މިނިސްޓަރ ޒަހާއަކީ ފާހަގަ ކޮށްލެވޭ ބޭފުޅެއް ކަމަށާއި އިއްޔެގެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވި ފަދައިން، ކޯލިޝަން 5 އަހަރަށް ދެމެހެއްޓުމަށްޓަކައި ސަރުކާރާއެކު އެމްއާރްއެމްގެ މެންބަރުންނާއި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުން ސާބިތުކަމާއި އިޙްލާސްތެރިކަމާއެކު ދެމި ތިއްބަވާނެކަމުގެ ޔަޤީންކަން މިފުރުޞަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ދެއްވާ ކަމަށް އެޕާޓީން ބުނެފައިވެއެވެ.

  1. ޢީސަދަރި

    ނެތް އެއްޗެއް ވުޖޫދުގައި އޮތް ކަމަށް ދެއްކުމަކީ ބޮޑު ޖޯކެއް. ކިތައްމެ ވަރަކަށް ބަޔަށް ވަންނަން އުޅުނަސް އެމް.ޑީ.ޕީގައި މައުމޫނު ހުރުމުގެ ފުރުސަޠު ލިބުމަކީ ޙަޤީޤަތެއްނަމަ، ތެލާ ފެނާވެސް އެކުވާނެ. ނޫކުލައިގެ ހަނދުވެސް އަރާނެ.