ހަނިމާދޫ އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއަށް އިންޑިއާއިން ފަންޑު ކުރަނީ
ހދ. ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް އިންޑިއާއިން ފަންޑު ކުރާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ، އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަންޑު ކުރާނެ ކަމަށެވެ.
އިންޑިއާ އާއި ރާއްޖެއިން 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. އެ ކްރެޑިޓް ލައިންގެ ދަށުން ފައިސާ ހޯދައިގެން މިހާރުވެސް ބައެއް ޕްރޮޖެކްޓުތައް ރާއްޖޭގައި ހިންގަމުން އެބަދެއެވެ.
ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓްގައި ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރަން ނިންމާފައިވާ ކަމަށެވެ. އެއާޕޯޓްގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1200 މީޓަރެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަންވޭ ދިގު ކުރުމުގެ އިތުރުން އެއާޕޯޓްގެ ޓާމިނަލް ވެސް ބޮޑުކުރާނެ އެވެ.