ކުންފުނީގެ ނަމާ މެދު ސުވާލު އުފައްދައި ރިޒް ކުންފުނިން ކޯޓު އަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހަދައިފި
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑު ފިނޮޅުގައި ތިބި ބިދޭސީންނާއި ހަވާލުވެ އެމީހުން އެރަށުން ބޭލުމަށް ރިޒް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރު ތަންފީޒު ކުރުމަށް އެ ކުންފުނިން ދެކޮޅު ހަދައިފިއެވެ.
އިއްޔެ ނެރުނު ވަގުތީ އަމުރުގައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ދައުވާލިބޭ ރިޒް ކުންފުނީގެ މުވައްޒަފުން ބޮޑުފިނޮޅަށް އަރުވާފައިވާކަން، ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭކަމަށެވެ. މި މުވައްޒަފުން ރަށުން ބާލަން އެންގުމުގެ ބާރު އެއްބަސްވުމުގެ ދަށުން ސީލް އަށް ލިބިދީފައިވާކަން އެނގޭ ކަމަށާއި މެއި މަހުގެ 23 ސީލް އިން ފޮނުވާފައިވާ ސިޓީގައި ރިޒްގެ މުވައްޒަފުން ރަށުން ބޭލުމަށް އަންގާފައިވާ ކަމަށެވެ.
ރިޒާގެ ކުންފުނި ތަމްސީލު ކުރާ ލޯކްރާފްޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޒާގެ ކުންފުނީގެ ނަމަކީ "އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑް" ކަމަށާއި، ނަމަވެސް ބޮޑުފިނޮޅު މައްސަލާގައި ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ ރިޒް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކަމަށެވެ.
އެހެން ކަމުން އެ އަމުރު ނެރެފައިވަނީ ރިޒާގެ ކުންފުނީގެ މައްޗަށް ނޫން ކަމަށާއި އެފަދަ އަމުރެއް ރިޒާގެ އާރުއައިއެކްސް ކުންފުނީގެ މައްޗަށް ތަންފީޒު ނުކުރެވޭނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ބުނީ ދައުވާއަކާ ގުޅިގެން އެދައުވާއެއްގައި ނުހިމެނޭ ފަރާތެއްގެ މައްޗަށް ޝަރީއަތުން ހުކުމެއް ކުރުމަކީ ޝަރީއަތުގައި
ޢަމަލުކުރަމުން އަންނަ އުސޫލަކަށް ނުވާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ވަގުތީ އަމުރު ނެރުމަށް ބޭއްވި ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިޔައީ ވީޑިއޯ ކޮންފަރެންސްކޮށް ކަމަށާއި ޝަރީއަތް ކުރިއަށް ދަނިކޮށް ޓެކްނިކަލް މައްސަލައެއް ދިމާވެ ގުޅުން ކެނޑުނު ކަމަށެވެ. އަދި ވަގުތީ އަމުރު ނެރުނީ ރިޒް ކުންފުނިން ހުށަހެޅި އިޖުރާއީ ހަ ނުކުތާއާ މެދު ވާހަކަ ދައްކަން ފުރުސަތު ނުދީ، އެންމެ ނުކުތާއަކާ މެދު ގޮތް ނިންމާފައި ކަމަށް ވެސް ބަޔާނުގައިވެ އެވެ. ގޮތެއް ނިންމީ ކޮން ނުކުތާއަކަށް ކަމެއް ބަޔާނަކު ނެތެވެ.