ރައީސުލްޖުމްހޫރިއްޔާ ޤަތަރުގެ އަމީރާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޤަތަރަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ސާނީ އާ ބަައްދަލު ކުރައްވައިފިއެވެ.
ޤަތަރުގެ އަމީރާ ރައީސް ބައްދަލު ކުރެއްވި ކުރެއްވުމުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޤަތަރުގެ އަމީރާ ބައްދަލު ކުރައްވައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގެ މުހިންމު ކަން ވަނީ މަޝްވަރާ ކޮށްފައެވެ.
ރާއްޖެއާ ޤަތަރާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމަށް ރައީސް ޤަތަރަށް ކުރައްވާ މި ދަތުރުފުޅުގައި އަރިހުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ގަތަރާއި ކޮމަންވެލްތާ އެކު އަލުން ހާރިޖީ ގުޅުން ގާއިމް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ރާއްޖެއާއި ގަތަރާ ދެމެދު އެންމެ ފުރަތަމަ ހާރިޖީ އަދި ސިޔާސީ ގުޅުން ގާއިމު ކުރީ 1984 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައެވެ. ގަތަރަކީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރު ކޮށްދޭ، އަދި ބޮޑެތި އިންވެސްޓްމެންޓްތަކެއް ވެސް ގެނެސްފައިވާ ގައުމެކެވެ.
ޤަތަރަށް ފަހު، ބަންގްލަދޭޝަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އަންނަ ބުދަ ދުވަހު ރައީސްގެ ދެކަނބަލުން އެ ގައުމަށް ވަޑައިގަންނަވާނެއެވެ.