ޚަބަރު

އެމް.ޑީ.އެން މައްސަލައިގައި ރައީސް ހެއްދެވީ އިތުރުފުޅެއް: ރައްޔިތުންގެ އިއްތިހާދު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

10 މާރޗުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ އިސްވެރިންނަށް ފިޔަވަޅު އެޅޭނީ އެމީހުން އަނބުރާ ރާއްޖެ އައުމުން ކަމަށް ވިދާޅުވި ވިދާޅުވުމަކީ އިތުރުފުޅެއް ކަމުގައި ރައްޔިތުންގެ އިއްތިހާދުން ސިފަކޮށްފިއެވެ.

Ads by STELCO

ރޭގެ ވަގުތެއްގައި ރައްޔިތުންގެ އިއްތިހާދުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެމް.ޑީ.އެން ގެ ލާދީނީ ރިޕޯޓުގެ މައްސަލައިގެ ތަޙްޤީޤާ ގުޅޭގޮތުން "ތަޙްޤީޤް ދަނީ ހިނގަމުންނޭ" ބުނުން ފިޔަވައި މާބޮޑު އިތުރު އެހެން އެއްވެސް މުޢާމަލާތެއް، ޙަރަކާތެއް ކަމާބެހޭ އެއްވެސް މުއައްސަސާއެއްގައި ހިނގަމުން ނުދާކަމަށް ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުގައި ތިއްބެވި އެ އިއްތިހާދުގެ މަސްދަރުތަކާ ހަވާލާދީ ދަންނަވާ ކަމަށެވެ.

"އެމް.ޑީ.އެން އިސްލާމްދީނާއި ކީރިތި މާތް ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އިރު އެ ޖަމިއްޔާގެ ރައީސަކަށް ހުރީ މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ކަމަށް އެ ޖަމްއިއްޔާގެ އެއް ބާނީ ޝަހިންދާ 3 ނޮވެމްބަރ 2020 ވަނަ ދުވަހު ހާމަކޮށްފައި ވުމާއެކު، މި ތުހުމަތުން ޕީޖީ ޙުސެން ޝަމީމު ބަރީއަ ނުވުމާއި އެވާހަކައަށް ބާރުލިބޭހެން ވާހަކަ ދައްކަވައި، އަދި ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަން ތަޙުޤީޤެއް ވެސް ޙުސެން ޝަމީމުގެ މައްޗަށް ހިންގާފައިވާތަން ފެންނަން ނުވާކަމީ ރައީސުލްޖުމްހޫރިއްޔާގެ ޖަވާބުގައި ބޮޑެތި ގޯސްތަކާއި ޙަޤީޤަތާ ޚިލާފު ވާހަކަ ހިމެނޭކަން އެންމެހާ ރައްޔިތުންނަށް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމެއް ކަމުގައި ބުނަމެވެ." ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ހަމަ އެހެންމެ، ޝަހިންދާ އެހެން ބުނެފައި ވަނީ އެމް.ޑީ.އެންގެ ޗެއާޕާސަންގެ މަގާމުގައި މީގެ ކުރިން ހުރި، އަދި މިހާރުގެ ރައީސް އޮފީހުގެ ކައުންޓަރ ޓެރަރިޒަމް ކޮންސަލްޓެންޓެއްގެ މަގާމު އަދާކުރަމުންދާ ޢާއިޝަތު ނޫޝިން އަށް "އެމް.ޑީ.އެން ނޫޝިން" ގެ ލަޤަބުން މުޚާޠަބުކޮށް ރާއްޖޭގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދިޔަރެސް" އިން ލިޔެފައިވާ ޚަބަރަކާ ގުޅިގެން ނޫޝިންގެ މަންމަ ވަސީމާ މުޙައްމަދު ދެއްކި ވާހަކަތަކަކީ ވެސް މި މައްސަލައާ ގުޅިގެން ހުރި ސާފު ހެކިތަކެއް ކަމަށް މި ބަޔާނުގައި ފާހަަގަ ކޮށްފައިވެއެވެ. އަދި އެމް.ޑީ.އެންގެ ނޫޝިން ޙައްދު ފަހަނަ އަޅާފައިވާ އެޖަމާޢަތުގެ ޗެއަރގެ މަޤާމުން އިސްތިއުފާ ދީފައިވަނީ 2019 ވަނައަހަރުގެ އޯގަސްޓް 7 ގައި ކަމުގައި ލިޔެކިޔުންތަކުން އެނގެން ހުރިއިރު، އަދި ރިޕޯޓް ލިޔެފައިވަނީ އޭގެ ކުރިންކަމަށް ވާއިރު، އެމް.ޑީ.އެން ގެ ރިޕޯޓުން އޭނާ ބަރީއަވާނެ އެއްވެސް ގޮތެއް ނޯންނާނެކަން ދިވެހި ރައްޔިތުންނަށް އޮޅޭނެތޯ ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ކުރަން ބޭނުން ކަމުގައި ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެމް.ޑީ.އެން އެކޭ އެއްފަދައިން، ނުވަތަ އެއަށް ވުރެ މާ އަޑިނުބައިކޮށް "އުތެމަ" ޖަމާޢަތުން މިހާރުވެސް ރާއްޖޭގައި ޙަރަކާތްތެރިވަމުން ދާއިރު އެކަމާ ހަމަ އެއްވެސް ފިޔަވަޅެއް ނާޅައި، އެމީހުންނަކީ ޤާނޫނު އަސާސީއަށް ވުރެ މަތީގައި އުޅޭވޭނެ ބައެއްގެ ގޮތުގައި ބޭނުން ކަމެއް ކުރަމުން، ވަކި ޚާއްޞަ އިމްތިޔާޒުތަކެއް ލިބިފައިވާ ބައެއް ފަދައިން އެމީހުން ބޭނުން އިރަކު ސަރުކާރުގެ މުއައްސަސާތަކާ އެއްވެސް ހުރަހެއް، ޖެހިލުމެއް ނެތި ބައްދަލުކޮށް ހަދަމުން ދާއިރު، މިފަދަ ހުރިހާ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ އިއްތިޙާދުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން އެދުމުން، "ވަގުތެއް ވުމުން ބައްދަލު ކުރައްވާނެ ކަމަށް" ވަޢުދުވެ ވަޑައިގެންނެވުމަށް ފަހު މިއަދާ ހަމައަށް ވެސް އެފުރުޞަތު ދެއްވާފައި ނުވާތީވެ، ލާދީނިއްޔަތާ މެދު ފިޔަވަޅު އެޅުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވެ، މުޅިން ފެއިލްވެފައިވާ ކަމުގެ މާޔޫސްކަން ދިވެހި އެންމެހާ ރައްޔިތުން ތަޙައްމަލު ކުރަން ޖެހިފައިވާ ކަމުގައި ދަންނަވާ ކަމުގައި ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!