ޚަބަރު

މިހާލަތުގައި ގައިދުރުކޮށް ނަމާދު ކުރުން ހުއްދަ: ފަތުވާ މަޖިލިސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، މި ހާލަތުގައި ގައިދުރުކޮށް ސަފު ހަދައިގެން ނަމާދު ކުރުމަކީ ހުއްދަ ކަމެއް ކަމެއް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.

މިއަދު ފަތުވާ މަޖިލީހުން ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ އަމިއްލަ އިޚްތިޔާރުގައި ނަމާދު ކުރާ މީހުން ސަފުތަކުގައި ހުސް ތަން ބޭއްވުމަކީ މަކްރޫޙަ ކަމެއް ކަމަށާއި ނަމަވެސް ޚާއްސަ ހާލަތުގައި އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ.

"ފަހެ އެއްވެސް ސަބަބެއްނެތި ހުރިހާ ކަމެއް ފުރިހަމަވެގެންވާ ޙާލަތުގައި އަމިއްލަ އިޚްތިޔާރުގައި ނަމާދު ކުރާ މީހުންގެ ސަފުތަކުގައި ހުސްތަން ބާއްވައިގެން ނަމާދު ކުރުމަކީ ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި މަކްރޫހަ ކަމެކެވެ. އެކަމަކު މަޖްބޫރު ޙާލަތުގައި މިދެންނެވި މަކްރޫހަކަން ނެތިގެން ދާނެއެވެ. އެއީ އަންނަނިވި ފިޤްހީ ޤާޢިދާގައިވާ ފަދައިންނެވެ. "ކަމެއް ދަތިވެގެންދާ ހިނދު އެކަން (އެބަހީ: އެކަމުގެ ޙުކުމް) ތަނަވަސް ވެގެން ދެއެވެ." ވީމާ، އިތުބާރު ހުރި ޞިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދާ ޚިލާފަށް ތަންތަނަށް ޖަމާވެ ހެދުމަކީ އެމީހަކު ފާފަވެރިވާނެ ކަމެކެވެ. އަދި މިގޮތަށް އެމީހަކު އެކުރި ކަމެއްގެ ފަރުދީ ޒިންމާ އެމީހާ އުފުލަން ޖެހޭނެއެވެ." ފަތުވާ މަޖިލީހުގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ގައިދުރު ކޮށްގެން ސަފުހަދައިގެން ޖަމާޢަތުގެ ނަމާދު ކުރުމީ ކީރިތި ޤުރުއާނާއި ޙަދީޘްތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުން ޞައްޙަ ކަމަށް ދަލީލު ލިބޭ އަދި މިހާރު ދުނިޔޭގެ ގިނަ ޤައުމުތަކުގެ ފަތުވާދޭ މަޖިލީސްތަކުން މިޙާލަތާ ގުޅުވައިގެން ހުއްދަ ކަމެއްގެ ގޮތުގައި ފަތުވާތައް ނެރެފައިވާ ކަމެއް ކަމަށް ފަތުވާ މަޖިލީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޞިއްޙީ ގޮތުން ލާޒިމުކުރާ އިޖްރާއަތްތަކަށް ތަބާވުން ވާޖިބުކަމަކަށް ވީހިނދު އެކަމަކީ ޢުމުރުގެ ގޮތުން ވިޔަސް، ފަރުދުންގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅިފައިވާ ކަމަކަށް ވިޔަސް، އަދި ނަމާދުކުރާ މީހުންގެ ޞިއްޙީ ޙާލަތާއި ގުޅިފައިވާ ކަމަކަށް ވިޔަސް، އަދި މިސްކިތަށް ވަނުމުގެ ކުރިން އަދާކުރަން ޖެހޭ ކަމަކަށް ވިޔަސް، އިތުބާރު ހުރި ޞިއްޙީ މާހިރުން މިކަމަށް ދެއްވާ އިރުޝާދަށް ބޯލެނބުމަކީ ދީނީ ގޮތުން ވާޖިބުކަމެއް ކަމަށް ފަތުވާ މަޖިލީހުން ވިދާޅުވިއެވެ.

އެ މަޖިލީހުން އެހެން ނިންމިއިރު، ކޮވިޑު-19 ގެ ހާލަތާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ މަހު އަންގައިފައެވެ. ނަމަވެސް އެކަމާ ބައެއް ދީނީ އިލްމުވެރިންގެ ހިޔާލުތައް ތަފާތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!