އުމަރު ނަސީރު ހައްޔަރު ކުރުމަށް އެމްޑީޕީ މެމްބަރުން ގޮވާލައިފި
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާމެދު ފިޔަވަޅު އަޅައި، އޭނާ ހައްޔަރު ކުރުމަށް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލައިފިއެވެ.
އުތުރު ތިލަފަޅު އެއްބަސްވުމުގެ ކޮޕީއެއް ލީކުކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިހުގެ އަލިފުށީ ދާއިރާ މެންބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވި މައްސަލައިގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އުމަރު ނަސީރާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
އަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމޭ ކިޔާފައި ދައުުރު ކުރަމުން ދަނީ ސައްހަ އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އުމަރު ނަސީރު މިފަދަ ފޭކް އެއްބަސްވުމެއް ލީކްކޮށް، ސިފައިންގެ އަގު ވައްޓާލަމުން ދާއިރު އެކަމަށް ފިޔަވަޅު ނޭޅޭކަމީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
“އުމަރު ނަސީރަށް ފޭކް ޑޮކިއުމަންޓްއެއް ހަދައިގެން ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާކަށް ޖާގަ ދެވިގެން ނުވާނެ، މިއީ ސަމާސާ ވާހަކައެއް ނޫން" މެންބަރު ހަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން މުލަކު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ނަޞީރު ވިދާޅުވީ ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސްލަހަތު ގާއިމް ކުރުމަށް ކަމަށާއި އުމަރު ނަސީރަކީ މީގެ ކުރިން ވެސް ރާއްޖޭގެ ސަލާމަތީ ބާރުތައް ހިފުމަށް ގޮވާލައި އެފަދަ މަސައްކަތް ކުރި މީހެއް ކަމަށެވެ.
އިންޑިއާ ސިފައިންނަށް 60 އަހަރު ވަންދެން ރާއްޖޭގައި ހަތިޔާރާއެކު ރާއްޖޭގައި ތިބެވޭނެ ގޮތަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް ބުނެ މީސްމީޑިއާގައި ލީކުވި ލިޔުމަކީ ސައްޙަ ލިޔުމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
އެލިޔުމުގައި ބުނެފައިވަނީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރަކާއި ޑޮކްޔާޑެއް ހަދަން ވެސް އެއްބަސްވާ ކަމަށެވެ.
ލީކް ކޮށްފައި ވަނީ، އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވި އެއްބަސްވުމުގެ ޑްރާފްޓެއްކަމަށް ވަނީ އެނގިފައެވެ.
މި އެއްބަސްވުމާ ގުޅިގެން ޑިފެންސުން ބުނެފައި ވަނީ އެއީ އެގްރީމެންޓްގެ އަސްލު ނޫން ކަމަށެވެ. ނަމަވެސް އިންޑިޔާ ސިފައިންނަށް ދިގު މުއްދަތުގައި ރާއްޖޭގައި ނުތިބެވޭނެ ކަމަށް ބުނާ ވާހަކަ އެ ފަރާތުން ދޮގު ކޮށްފައެއް ނުވެއެވެ. އިދިކޮޅުން ދަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.