ކޮވިޑް-19: ތޮއްޑޫ އަނެއްކާ ވެސް މޮނީޓަރިންއަށް ލައިފި

އއ. ތޮއްޑޫ އަނެއްކާ ވެސް މޮނީޓަރިންއަށް ލައިފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވީ ހޯމް ކަރަންޓީނުގައި ހުރި ފަރާތެއްގެ ގެއިން އިތުރު ބަޔަކު ފައްސި ވުމާ ގުޅިގެން ސީޓީ އަދި ކޭސް އިންވެސްޓިގޭޝަން ހެދުމަށް ތޮއްޑޫ މޮނީޓަރިންގަށް ލެވިފައިވާ ކަމަށެވެ.
ތޮއްޑޫއިން "ދެން" އަށް މައުލޫމާތު ދިން މީހަކު ބުނީ، މޮނީޓަރިންއަށް އެރަށް ލެވިފައި މިވަނީ ކަރަންޓީނުގައި ހުރި މީހެއްގެ ގެއިން އިތުރު ބަޔަކާ އަދި އެގެއަށް ވަދެ ނިކުމެ އުޅުނު ބަޔަކު ވެސް ފައްސިވުމާ ގުޅިގެން ކަމަށެވެ. އެހެން ކަމުން އެރަށުގައި މިވަގުތު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
ކޮވިޑަށް ފައްސި ކޭސްތަކެއް ފެނުމާ ގުޅިގެން ތޮއްޑޫ މޮނީޓަރިންގަށް މިއަދު ލާފައިވާއިރު، ރާއްޖެއިން މިހާތަނަށް ޖުމްލަ 21،666 މީހުން މިބައްޔަށް ފައްސި ވެފައިވެއެވެ. އަދި 19،243 މީހުން ބަލިން ރަނގަޅު ވެފައިވެއެވެ، 64 މީހުން މިހާރު ކޮވިޑް ޖެހިގެން ރާއްޖެއިން ވަނީ ނިޔާވެފައެވެ.