ވަކިވަގުތެއްގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރި އެންގުން ބާތިލު ކޮށްފި

މާލެ ސަރަޙައްދުގައި ވަކިވަގުތެއްގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރި އެންގުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބާތިލު ކޮށްފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިއަދު ނެރުއްވި އިއުލާނެެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކޮށް، އާންމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރި ކަމަށްޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހި ކުރުމުގެ ގޮތުން، އެޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް، 12 މާރިޗް 2020 ގައި މިނިސްޓަރ އޮފް ހެލްތު އިއުލާނު ކޮށްފައި ވީހިނދު، އެޤާނޫނުގެ 34ގއ ވަނަ މާއްދާގެ (ޅ) އާއި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، 12 ފެބްރުއަރީ 2021 ވަނަ ދުވަހު އަންގާފައިވާ، އެޗްޕީއޭގެ ނަންބަރު 2021/5 އެންގުން (މާލެ ސަރަޙައްދު- އެއީ މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި، ގުޅީފަޅު) ގައި ހަވީރު 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމުގެ އެންގުން، މިހިނދުން ފެށިގެން ބާތިލު ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ދިޔުމާ ގުޅިގެން ހަވީރު 6:00 އިން އަނެއް ދުވަހުގެ 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރިއެވެ. އަދި އެވަގުތުތަކުގައި ހަމައެކަނި ދުއްވެނީ ޚާއްސަ ހުއްދައެއް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ސާވަލެންސް ޑޭޓާއަށް ބަލާއިރު، އިއްޔެވެސް މިބައްޔަށް 139 މީހުން ވަނީ ފައްސިވެފައެވެ. އޭގެތެރެއިން 89 މީހުން ފައްސި ވެފައިވަނީ މާލެ ސަރަޙައްދުންނެވެ.
ރާއްޖެއިން މިހާތަނަށް 22،929 މީހުން ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު، ބަލިން ފަސޭހަ ވެފައިވަނީ 20،359 މީހުންނެވެ. އަދި 66 މީހަކު މިހާތަނަށް ރާއްޖެއިން މިބަލީގައި ނިޔާވެފައިވެއެވެ.