ޚަބަރު

1 މާރިޗް އިން ފެށިގެން ފެލިވަރުގައި އުޅުމަށް ފަހު އަތޮޅުތެރޭގެ ރަށް ރަށަށް ދިޔަ ފަރާތްތައް ކަރަންޓީނު ވާން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

1 މާރިޗް އިން ފެށިގެން ފެލިވަރުގައި އުޅުމަށް ފަހު އަތޮޅުތެރޭގެ ރަށް ރަށަށް ދިޔަ ފަރާތްތައް ކަރަންޓީން ވާން އަންގައިފިއެވެ. 

Ads by Sosun Fihaara

އެޗްޕީއޭއިން މިއަދު ބުނީ ޅ.ފެލިވަރުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނިފައި ވާތީ، 1 މާރިޗް 2021 ގެ ފަހުން ޅ.ފެލިވަރުގައި އުޅުމަށް ފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތު ސެންޓަރަށް އެންގެވުމަށް އެދޭ ކަމަށެވެ.

އަދި މިތާރީޚްގެ ފަހުން ޅ.ފެލިވަރަށް ގޮސްފައިވާ ފަރާތެއް ވާނަމަ، ފެލިވަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިއްބެވުމަށް ދަންނަވާ ކަމަށާއި މި މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ވެސް ސާމްޕަލްއެއް ނަގަައި ޓެސްޓްކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

1 މާރިޗް 2021 ގެ ފަހުން ޅ.ފެލިވަރުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އަދި ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ފެލިވަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާ ކުރެއްވުމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!