ޚަބަރު

ކޮވިޑް-19: ކުޅުދުއްފުށީގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުޅުދުއްފުށީގައި ފެތުރިފައިވާ ކޮވިޑް-19 ކްލަސްޓާއާ ގުޅިގެން، އެރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގައިފިއެވެ.

Ads by STELCO

ކުޅުދުއްފުށިން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އެރަށު ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި އޮތް ޅ.ފެލިވަރުގައި މަސައްކަތްކުރާ މީހަކާއި، އޭނާގެ ދެ އެހީތެރިންނެވެ. މި މީހުން ކުޅުދުއްފުއްޓަށް ގޮސްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

ފައްސިވީ ދެ ކޭސްއާ ގުޅިގެން ކުޅުދުއްފުއްޓަށް އަރައިފޭބުން މިހާރު މަނާ ކޮށްފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހާމަ ކޮށްފައިވާ ގޮތުގައި މި ކޭސްތަކާ ގުޅިގެން މިހާތަނަށް 200 ސާމްޕަލް ވަނީ ނަގާފައެވެ. އޭގެ ތެރޭގައި ފައްސިވި މީހުންގެ ޑައިރެކްޓު ކޮންޓެކްޓުންނާއި ރެންޑަމް ސާމްޕަލް ހިމެނޭއިރު، މިހާތަނަށް ނަތީޖާ ލިބުނު 70 ސާމްޕަލެއް ވަނީ ނައްސިވެފައެވެ.

ކުޅުދުއްފުށި މޮނީޓަރިންގަށް ލާފައިވާއިރު، ފެލިވަރުގައި މަސައްކަތް ކުރާ ނައިފަރު މީހަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން ފެލިވަރު ވެސް މޮނީޓަރިންގަށް ލާފައިވާއިރު، މުޅި ޅަވިޔަނި އަތޮޅު ވަނީ އެލާޓަށް ލާފައެވެ.

1 މާރިޗް 2021 ގެ ފަހުން ފެލިވަރުގައި އުޅުމަށް ފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތު ސެންޓަރަށް އެންގުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!