ފަޒީލްގެ މައްސަލަ ތަހުގީގު ކޮށްދޭން އެމްއާރްއެމް އިން އެދިއްޖެ
ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އަހުމަދު ފަޒީލްގެ މައްޗަށް ކުރެވިފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަ، އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފަޒީލްގެ މައްޗަށްު ކުރެވޭ ޖިންސީ ގޯނާގެ ސީރިޔަސް ތުހުމަތުތަކާއެކު ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރުގެ މަގާމުން ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ރައީސް އޮފީހުންވެސް ވަނީ ބުނެފައެވެ.
އެމްއާރްއެމް އިން މިއަދު ވަނީ އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރު އައިޝަތު މުހައްމަދު ދީދީ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީއެއް ވެސް ފޮނުވާފައެވެ.
އެ ސިޓީގައި އަންހެން ކުދިންނަށް ޖިންސީ އަނިޔާ އާއި ގޯނާކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ފަޒީލްގެ މައްޗަށް ކުރަމުންދާ ކަމަށާއި އަދި އެކަމަކީ ގަނޫނާއި ހިލާފު އަދި އެޕާޓީން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
ފަޒީލްގެ މައްޗަށް މިފަދަ ތުހުމަތެއް ކުރެވިފައިވާއިރު ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދާދިފަހުން ވަނީ މަގާމުން ވަކިކުރައްވާފައެވެ. ޓޫރިޒަމް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން މިހާރު ހަވާލުކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއެވެ.