Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ދީން

އަބޫހުރައިރާގެ ދުޢާ ތިބާގެ މައްޗަށް ބޭނުންވާ ނަމަ މިފަދައިން ދުޢާ ކުރައްވާ!

އަބޫހުރައިރާގެ ދުޢާ ތިބާގެ މައްޗަށް ބޭނުންވާ ނަމަ މިފަދައިން ދުޢާ ކުރައްވާ!
އަބޫ ހުރައިރާ رضي الله عنهއަކީ ޞަޙާބީ ބޭކަލުންގެ ތެރެއިން މަޝްހޫރު ބޭކަލެކެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެންމެ ގިނަ ޙަދީޘް އަހަރެމެންނާ ހަމައަށް ރިވާކުރެއްވި މާތް ޞަޙާބީއެވެ. އަބޫ ހުރައިރާ رضي الله عنه އިސްލާމްވެ ވަޑައިގެންނެވި އިރު އެކަލޭގެފާނުގެ މަންމައަކީ މުޝްރިކެކެވެ. މަންމާފުޅަށް ނުހަނު ހެޔޮކޮށް ހިއްތަވާ އެކަމަނާ ދެކެ އިންތިހާއަށް ލޯބިވެ ވަޑައިގަންނަވާތީ މުޝްރިކެއްގެ ގޮތުގައި މަންމަ ހުރުމަކީ، އެކަލޭގެފާނަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. އަބޫ ހުރައިރާ رضي الله عنه ވިދާޅުވެފައި ވެއެވެ. “ތިމަންކަލޭގެފާނުގެ މަންމަ މުޝްރިކެއްގެ ގޮތުގައި ވަނިކޮށް، ތިމަންކަލޭގެފާނުގެ މަންމައަށް އިސްލާމްދީނަށް ގޮވައިލެއްވުމުގައި ވީމެވެ. އެގޮތުން އެއްދުވަހެއްގައި މަންމަ އަށް ދީނަށް ގޮވައިލެއްވުމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ބެހޭ ގޮތުން، މަންމަގެ ފަރާތުން ތިމަންކަލޭގެފާނު ނުރުއްސަވާ ބަހެއް އަޑު އިވުނެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ތިމަންކަލޭގެފާނު ރޮމުންރޮމުން ވަޑައިގަތީމެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭﷲގެ ރަސޫލާއެވެ! ތިމަންކަލޭގެފާނު، ތިމަންކަލޭގެފާނުގެ މަންމައަށް އިސްލާދީނަށް ގޮވާލެއްވުމުގައި ވީމެވެ. މަންމަ ތިމަންކަލޭގެފާނުގެ ގޮވާލެއްވުމަށް އިންކާރު ކުރެއެވެ. ނަމަވެސް މިއަދު މަންމައަށް ދީނަށް ގޮވައިލެއްވުމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ބެހޭ ގޮތުން، މަންމަގެ ފަރާތުން ތިމަންކަލޭގެފާނު ނުރުއްސަވާ ބަހެއް އަޑު އިވުނީއެވެ. ތިމަންކަލޭގެފާނުގެ މަންމައަށް ހިދާޔަތް ދެއްކެވުމަށް އެދި ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވައި ދެއްވާށެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާދެންނެވިއެވެ. “اللَّهُمَّ اهْدِ أُمَّ أَبِي هُرَيْرَةَ” މާނައީ: “އޭﷲއެވެ! އަބޫ ހުރައިރާގެ މަންމައަށް ހިދާޔަތް ދައްކަވާނދޭވެ!” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާކުރެއްވުމުން، އެކަމާ އުފާކުރާ ހާލު ތިމަންކަލޭގެފާނު ނުކުމެ ވަޑައިގަތީމެވެ. ދެން ތިމަންކަލޭގެފާނު ގޭގެ ދޮރާށި ކައިރިއަށް ވަޑައިގަތީމެވެ. އެހިނދު ދޮރު ވަނީ ތަޅުލައިފައެވެ. ތިމަންކަލޭގެފާނަށް މަންމަގެ ފައިތިލައިގެ އަޑު އިވި ވަޑައިގަތެވެ. އަދި ފެން އެޅޭ އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. (އޭރު އެކަމަނާ ހުންނެވީ ފެންވަރާށެވެ.) މަންމަ ވިދާޅުވިއެވެ. “އޭ އަބޫހުރައިރާއެވެ. ކަލޭގެފާނު ތި ހުންނެވި ތަނުގައި ހުންނަވާށެވެ.” ދެން ފެންވަރައި ނިމިގެން ހެދުން ތުރުކުރައްވާ އަވަސްއަވަހަށް ބުރުގާ އަޅުއްވަމުން ނުކުމެވަޑައިގެން ވިދާޅުވިއެވެ. “އޭ އަބޫ ހުރައިރާއެވެ. ” أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ” “ﷲމެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކުނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް، އެކަމާ އުފަލުން، ތިމަންކަލޭގެފާނު ރޮމުންރޮމުން ވަޑައިގަތީމެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އުފާވެރިކަން ހުއްޓެވެ. ﷲތަޢާލާ ކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވާ ތިމަންކަލޭގެފާނުގެ މައިކަމަނާއަށް ހިދާޔަތް ދައްކަވައިފިއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ﷲއަށް ޙަމްދުކުރައްވާ އެއިލާހަށް ޘަނާ ދެންނެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. ” خَيْرًا” މާނައީ: “ހެޔޮކަން ހުއްޓެވެ.” ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭﷲގެ ރަސޫލާއެވެ. އެއިލާހުގެ މުއުމިނު އަޅުތަކުންނާ މެދު ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ މަންމަގެ ހިތްޕުޅުގައި ލޯބި ޖެއްސެވުމަށް ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވާ ދެއްވާށެވެ. އަދި އެ މުއުމިނުންގެ ހިތްތަކުގައި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ މަންމައަށް ލޯބި ޖެއްސެވުމަށް ދުޢާ ދަންނަވާ ދެއްވާށެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާކުރެއްވިއެވެ. “اللَّهُمَّ حَبِّبْ عُبَيْدَكَ هَذَا – يَعْنِى أَبَا هُرَيْرَةَ وَأُمَّهُ – إِلَى عِبَادِكَ الْمُؤْمِنِينَ وَحَبِّبْ إِلَيْهِمُ الْمُؤْمِنِينَ “ މާނައީ: “އޭﷲއެވެ! އިބައިލާހުގެ އަޅާ (އަބޫ ހުރައިރާއާއި އެކަލޭގެފާނުގެ މަންމަގެ) ހިތުގައި އިބައިލާހުގެ މުއުމިނު އަޅުންނާ މެދު ލޯބި ޖައްސަވާދެއްވާނދޭވެ! އަދި އަދި މުއުމިނުންގެ ހިތްތަކުގައި އެބައިމީހުންނާ މެދު (އަބޫ ހުރައިރާއާއި އެކަލޭގެފާނުގެ މަންމަ އާއިމެދު) ލޯބި ޖައްސަވާނދޭވެ!” (رواه مسلم، رقم (6476).) އެކަލޭގެފާނުގެ މަންމަ އަށް ހިދާޔަތް ލިބުން ވެގެންދިޔައީ އެކަލޭގެފާނަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ. މިއަށް ފަހުގައި ވެސް އެކަލޭގެފާނަކީ އެކަލޭގެފާނުގެ މަންމައަށް ނުހަނު އޯގާތެރި އެކަލޭގެފާނުގެ މަންމައަށް ދުޢާ ކުރެއްވުން ގިނަ ބޭފުޅެކެވެ. محمد بن سيرين ވިދާޅުވިއެވެ. އެއް ރެއެއްގައި ތިމަންކަލޭގެފާނު އަބޫ ހުރައިރާ رضي الله عنهގެ އަރިހުގައި އިންނެވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “اللَّهُمَّ اغْفِرْ لِأَبِي هُرَيْرَةَ، وَلِأُمِّي،وَلِمَنِ اسْتَغْفَرَ لَهُمَا” މާނައީ: “އޭﷲ އެވެ! އަބޫ ހުރައިރާއާއި ތިމަންކަލޭގެފާނުގެ މައިކަމަނާގެ ފާފަ ފުއްސަވާނދޭވެ! އަދި އެ ދެމީހުންގެ ފާފަ ފުއްސެވުމަށް ދުޢާކުރާ މީހެއްގެ ފާފަ ވެސް ފުއްސަވާނދޭވެ!” محمد بن سيرين ވިދާޅުވިއެވެ. “އަބޫ ހުރައިރާ رضي الله عنه ދުޢާކުރެއްވި މީހުންގެ ތެރޭގައި ހިމެނުމަށް ޓަކައި ތިމަންބޭކަލުން، އެކަލޭގެފާނަށާއި އެކަލޭގެފާނުގެ މައިކަމަނާއަށް ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް އުޅުއްވަމުއެވެ.” (الأدب المفرد لإمام البخاري (37) قال الشيخ الألباني: صحيح الإسناد.) އަބޫ ހުރައިރާ رضي الله عنه ގެ އިސްވެދިޔަ ދުޢާގައި އެކަލޭގެފާނު އެ ވަނީ، އެކަލޭގެފާނަށާއި އެކަލޭގެފާނުގެ މައިކަމަނާގެ ފާފަ ފުއްސެވުމަށް ދުޢާކުރާ މީހެއްގެ ފާފަ ފުއްސެވުމަށް ވެސް ދުޢާކުރައްވައިފައެވެ. އަދި އެދުޢާގެ އަޑު އެއްސެވި ތާބިޢީ ބޭކަލުން އެވަނީ އެކަލޭގެފާނުގެ ދުޢާގައި ޝާމިލުވުމަށް ޓަކައި އެކަލޭގެފާނަށާއި އެކަލޭގެފާނުގެ މަންމައަށް ފާފާ ފުއްސެވުމަށް އެދި ދުޢާކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އެހެންކަމުން އަޅުގަނޑުމެން އެ ފަދަ މާތް ޞަޙާބީބޭކަލެއްގެ ދުޢާގައި ޝާމިލުވަން ބޭނުން ނަމަ، އެކަލޭގެފާނަށާއި އެކަލޭގެފާނުގެ މައިކަމަނާއަށް ފާފަ ފުއްސަވާދެއްވުމަށް އެދި ދުޢާ ކުރެވިދާނެއެވެ. “އޭﷲ އެވެ! އަޅަމެންގެ ފާފަ ފުއްސަވާނދޭވެ! އަދި އަބޫ ހުރައިރާއާއި އަބޫ ހުރައިރާގެ މައިކަމަނާގެ ފާފަފުއްސަވާނދޭވެ! މަސްދަރު: ދިސަލަފިއްޔާ

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް