ރިޕޯޓް

އަނބިމީހާ ކާން ތައްޔާރު ކޮށްފައި ހުއްޓާ މިއައީ ބޭރުން ކައިގެންނޭ ނުބުނާތި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަންހެނުން ކާން ތައްޔާރު ކޮށްފައި ހުއްޓާ މިއައީ ބޭރުން ކައިގެންނޭ ނުބުނާތި ނަމަނަމަ" އެކުވެރި އާސިމް އެހެން ބުނެލުމާއެކު އެކުގައި ތިބި އެހެން އެކުވެރިންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އެގޮތަށް ކަންތައް ކުރުމަކީ އަނބިދަށުވުން ކަމަށާއި ބޭރުން ކެއުމަކީ މައްސަލައެއް ނޫން ކަމަށް ބުނެ އެ އެކުވެރިން އާސިމްއާ ދިމާކުރިއެވެ.

Ads by Hajj Corporation

އަހަރެން ބަހެއް ނުބުނަމެވެ. އެކުވެރިންނާއެކު ކައި ނިންމާލައިގެން އަހަރެން ގެއަށް ދިޔައީ މެންދުރު 2:30 ހާއިރުއެވެ.

"އާދޭ ކާން، މިހުރީ ތެލުލި ފަތާ ބަތާ ގަރުދިޔައާ" އޮފީހުން އައިސް ގެއަަށް ވަދެވުމާއެކު އަންހެނުން ބުންޏެވެ. އަހަރެން އަންހެނުންނާ ދިމާއަށް ބަލާލުމަށްފަހު ބޯ ކަހާލީމެވެ. އެއަށްފަހު ގޭގެ ކާ މޭޒާ ދިމާއަށް ނަޒަރެއް އެއްލީމެވެ.

މޭޒުމަތީގައި ހުރި ބަތް ތަށިން އެވަގުތު ވެސް ދިޔައީ ދުން އަރަމުންނެވެ. ގަރުދިޔަ ބޯތަށިން ވެސް ދިޔައީ ދުން އަރަމުންނެވެ. ހަމަ ޔަގީނުން ވެސް އެއީ ދާދި ދެންމެއަކު ކައްކާފައި ހުރި އެއްޗެހި ކަން ޔަގީނެވެ.

"މިއައީ ބޭރުން ކައިގެން ރައްޓެއްސަކާއެކު" ނުބުނަން ހުރެފައި ވެސް އަަހަރެން ބުނެލީމެވެ. އަންހެނުން އެއްޗެކޭ ނުބުނި ނަމަވެސް މޫނުމަތިން ފެނުނީ ނުތަނަވަސްވެރިކަމުގެ ކުލަވަރެކެވެ. މާޔޫސްކަމާއި މޮޅިވެރިކަމެވެ.

"ކޮންމެ ދުވަހަކު ބޭރުން ކައިގެން ތި އަންނަނީ. އަހަރެން މިހުންނަނީ ވިޔާމު އަންނަންދެން ކޮންމެ ދުވަހަކު ވެސް ނުކައި" އެއީ އަހަންނަށް އައު ބަސްތަަކެއް ނޫނެވެ. ކޮންމެ ދުވަހަކުމެ އިވިއިވި ބާވެފައިވާ ޖުމުލަ ތަކެކެވެ.

އަހަރެން ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ގޮސް އޮފީސް ހެދުން ބަދަލު ކޮށްލުމަށް ފަހު ފާހާނާއަށް ވަނީމެވެ. ފެންވަރާ މާގަނޑު ދޮށުގައި ހުރެ ވިސްނާލެވުނީ މިއަދު ކޮފީގައި އިނދެ އާސިމް ދިން ނަސޭހަތާ މެދުގައެވެ.

އާސިމް ދެއްކީ ރަނގަޅު ވާހަކައެކެވެ. ކޮންމެ ދުވަހަކު ވެސް އަހަރެން އަންނަން ވާއިރަށް އޭނާ ކާން ތައްޔާރު ކޮށްގެން އަހަރެންގެ އިންތިޒާރުގައި ހުރެއެވެ. ތައްޔާރު ކޮށްފައި ހުންނަނީ އަހަންނަށް ކަމުދާ ކަހަލަ އެއްޗިއްސެވެ. އަހަރެންނަށް މީރުވާނެ އެއްޗެހި އޭނާއަށް އެނގޭނެއެވެ. އަހަރެންނަށް ޓަކައި އޭނާ ކައްކާފައި ބަހައްޓައިދެނީ އަހަރެން ދެކެ އޭނާ ލޯބިވާތީއެވެ. އަހަރެންނާއެކު ނޫނީ ނުކާން އޭނާ ހުންނަނީ އޭނާ ބަނޑުހައި ނުވާތީއެއް ނޫނެވެ. އަހަރެންނާއެކު ކެއުމަކީ އުފަލެއް ކަމުގައި އޭނާ ދެކޭތީއެވެ.

ބަނޑުގައި މާ ބޮޑު ޖާގައެއް ނެެތެވެ. އަހަރެން ހުރީ ފުލް ވެފައެވެ. ނަމަވެސް ފެންވަރައި ތައްޔާރު ވެލައިގެން އަހަރެން ބޭރަށް ނުކުތީމެވެ. އޭރު އަންހެނުން އުޅެނީ މޭޒުމަތީގައި ހުރި ތަށިތައް ނަގާށެވެ. ކައިފިންތޯ ސުވާލު ކޮށްލުމުން ބޯ ހޫރާލިއެވެ.

"ހިނގާ ކާން. އަހަރެން ވެސް ކާނަން" އަހަރެން އެހެން ބުނުމާއެކު އަންހެނުންގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. އުފާވެރި ވަގުތުތަކެއް އެކުގައި ހޭދަ ކުރަމުން އެ ދުވަހުގެ މެންދުރު ކެއުމަށް އަހަރެން އިންސާފު ކުރީ ލޯބިވާ އަނބިމީހާއާ އެކުގައެވެ.

މިއީ އަޅުގަނޑުގެ ރަހުމަތްތެރިއަކު ކިޔައިދިން ވާހަކައެކެވެ. ހަގީގަތުގައި ވެސް މިއީ އަޅުގަނޑުމެންގެ މުޖުތަމައުގައި މިއަދު ގިނަ ފިރީންގެ ހާލަތެވެ. ރޭގަނޑު ވެސް ގެއަށް ވަންނަނީ މެންދަން ވާ ފަހުންނެވެ، އޭރު އަނބިމީހާ އޮންނަނީ ފިރިމީހާގެ އިންތިޒާރުގައި އެތައް ވަގުތެއް ހޭދަކުރުމަށް ފަހު ގިނަ ފަހަރަށް ނިދިފައެވެ. މިއީ ހަގީގަތުގައި ވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެކެވެ. ރަނގަޅު ކުރަން ޖެހޭ އާދައެކެވެ.

Ads by Allied Insurance
  1. ވިސްނާލާ

    ފިރިމީހާ އަންނަންދެން ނުނިދާ ތިބޭ އަބީންނެއްވެސް މަދެއްނޫން. ވަރުބަލި ކަންމަތީ ފިރިމިހާ އަންނައިރު އަނބިމީހާ ނިދާފަ އޮވެއްޖެ ނަމަ، ގޮވީމަ ވަރުބަލިކަން އިތުރުވެދާނެތީ. އެއީ އޮށޯންނަތަނުން އައިސްދާނެތީ. 12، 1 ޖަހާފަހުން ފިރިމީހާ އަންނަ އިރު ގައިމު އަނބިމީހާ ހުންނާނީ ވަރުބަލިވެސް ވެފަތާ