ދިވެހި ސިނަމާ

ހެޕީ ޑީއާރްއީ ޑޭ: މޮގާ މި ކިޔަނީ ކީކޭ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް ބަލާއިރު، އެންމެ ގިނަ ދުވަސްވީ އެއް ޕްރޮޑަކްޝަން ހައުސްއަކީ ޑާކްރެއިން އެންޓަޓެއިންމަންޓް (ޑީއާރްއީ) ކަމާމެދު ޝައްކެއް ނެތެވެ.

Ads by STELCO

ހުރިހާ ވައްތަރެއްގެ ޖޯންރާއަކަށް ފިލްމު އުފައްދާ ޑާކްރެއިނުން ވަނީ ވަރަށް ގިނަ ކާމިޔާބު ފިލްމު އުފައްދާފައެވެ. އޭގެ އިތުރުން ކުދި ފިލްމުތަކާއި ވީޑިއޯތައް ވެސް އެ ޕްރޮޑަކްޝަން ހައުސްއިން އުފައްދައެވެ.

ޑާކްރެއިންގެ ހުރިހާ އުފެއްދުމަކާ ބެހޭގޮތުން އެ ޕްރޮޑަކްޝަން ހައުސްގެ ބާނީ މުޙައްމަދު ޢަލީ (މޮގާ) އަބަދުވެސް ގެންދަނީ މީސްމީޑިއާ ބޭނުންކޮށް އަދާހަމަތައް ގެނެސްދެމުންނެވެ. ޚާއްސަކޮށް ފޭސްބުކްގައި ޑާކްރެއިންގެ ހުރިހާ އުފެއްދުމަކާ ބެހޭ ގޮތުން ވެސް މޮގާ ފޮޓޯއާއި މައުލޫމާތު ހިއްސާ ކުރެއެވެ.

އެހެން ނަމަވެސް މިފަހަރު މޮގާގެ ފޭސްބުކް ސްޓޭޓްސްއިން ފެނުނީ ވަރަށް ތަފާތު ބަސްކޮޅެކެވެ. މޮގާ ލިޔެފައި ވަނީ "ހެޕީ ޑީއާރްއީ ޑޭ" މިހެންނެވެ.

ޑާކްރެއިންގެ އެނިވާސަރީއަކީ ސެޕްޓެމްބަރ 14 ކަމަށްވާއިރު، މިއަދާ ބެހޭ ގޮތުން ތަހުނިޔާ ކިޔައިފައިވާތީ "ދެން" ގެ ފަރާތުން މޮގާއާ ސުވާލު ކޮށްލީމެވެ. މޮގާ ބުނީ މިއަދަކީ އެނިވާސަރީ ނޫން ކަމުގައި ވިޔަސް ޑާކްރެއިނަށް ވަރަށް ޚާއްސަ ދުވަހެއް ކަމަށެވެ.

"އޭޕްރިލް 5އަކީ އަޅުގަނޑުމެން ޑާކްރެއިނަށް ވަރަށް ޚާއްސަ ދުވަހެއް. މި ދުވަހަކީ ޑާކްރެއިންގެ ވަރަށް ގިނަ ކާމިޔާބު ފިލްމުތައް އަޅުވައިފައިވާ ތާރީޚެއް. އޭގެ ތެރޭގައި 'ދިންވޭނުގެ ހިތާމައިގައި'، 'ފަތިސްހަނދުވަރުގެ ފެށުން'، 'މިއީ ލޯތްބަކީ'، "އެންމެފަހު ވިންދާ ޖެހެންދެން' ހިމެނޭ. އެހެންވެ، މިއީ އަޅުގަނޑުމެން ތެރޭގައި ފާހަގަކުރާ ޚާއްސަ ތާރީޚެއް" މޮގާ ބުންޏެވެ.

މިއަދަކީ ޑާކްރެއިނަށް ޚާއްސަ ދުވަހެއް ކަމުގައިވިޔަސް، މޮގާ ބުނީ މި ދުވަސްކޮޅުގެ ގޮތުން މި ދުވަސް މިއަދު ފާހަގަ ނުކުރާ ކަމަށާއި މިދުވަސްކޮޅު މަސައްކަތް ކުރަނީ އެ ޕްރޮޑަކްޝަން ހައުސްގެ އުފެއްދުންތައް ފުރިހަމަ ކުރެވޭތޯ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!