ރަމަޟާން މަހު އާއިލާއާ ވަކިން އުޅެން ޖެހުމަކީ ހިތްދަތި ތަޖުރިބާއެއް!
ކޮންމެ ރަމަޟާން މަހެއްގައި ވެސް އެންމެ އުފާވާ އެއް ކަމަކީ އާއިލާ އެއްކޮށް ރޯދަ ވީއްލުމަށް ކާމޭޒު ދޮށަށް އެއްވާ ވަގުތެވެ. ރޯދަ ވީއްލުމަށް މަޣްރިބު ނަމާދު ބަންގި ގޮވަންދެން ސަމާސާ ވާހަކަތައް ދެއްކުމުގައި އާއިލައިން އެ ހޭދަ ކުރާ ހިތްގައިމު ވަގުތުތަކެވެ. އަދި ޚާއްސަކޮށް މަންމަގެ އަތުން ނުހަނު ލޯތްބާއެކު ކައްކައިފައި ހުންނަ މީރު ކާނާ އަރުތެރެއިން ދާ ހިނދެވެ.
އެހެން ނަމަވެސް ވަގުތާއި ޙާލަތު ބަދަލު ވަމުން ގޮސް މިއަދު ގިނަ ބަޔަކު ރޯދަ ވީއްލަން ޖެހިފައި ވަނީ އަމިއްލަ އާއިލާއާ ވަކިންނެވެ. މަންމަގެ މީރު ކެއުމުގެ ބަދަލުގައި ކާން ޖެހެނީ ދިރިއުޅެމުން އަންނަ ގޭގައި ކައްކައިފައި ހުންނަ ކާނާއެވެ. އެވަގުތުތަކަކީ ތިމާގެ އަމިއްލަ އާއިލާ މަތިން ހަނދާން ވާނޭ ވަގުތެކެވެ. އަދި މަންމަގެ ގާތަށް ގޮސް އެ މަންމަގެ މީރު ކެއުމަށް ތިބާ ކެތްމަދުވާނޭ ވަގުތެކެވެ.
މިއީ ހަމައެކަނި ރޯދަ ވީއްލުމެވެ. ހަމަ އެފަދައިން ހާރު ކެއުމަށް އާއިލާ އެންމެން ތެދުވެ ކާމޭޒު ދޮށަށް ޖަމާވާ ވަގުތަކީ ވެސް ނުހަނު އަފާވެެރި ވަގުތު ތަކެކެވެ. އެންމެންނަށް ވުރެ ކުރިން ލޯބިވާ މަންމަ އުޅޭނީ އަވަދިނެތި ކާނާ ތައްޔާރު ކުރުމުގައެވެ. އެފަކީރު ހާރު ކެއުމުގެ ކުރިން އާއިލާގެ އެހެން މީހުން ހާރު ކައިފިތޯ ޔަގީންކޮށް ކަށަވަރު ކުރާނެއެވެ.
ކޮންމެ ވެސް ދުވަހަކުން އެކަނި އުޅެން ދަސްކުރަން ވާނޭ ބުނާ އަޑު އަހަމުއެވެ. އެހެން ނަމަވެސް ތިމާގެ އާއިލާއާއި ތިމާގެ ލޯބިވާ މަންމަ ނެތި އުޅުމަކީ ކިހާ ވަރެއްގެ ކަމެއްކަން އެކަން ތަޖުރިބާކޮށް އެ އިޙުސާސްތައް ދެނެގަތުމަށް ބައެއް މީހުންނަށް ރަމަޟާން މަސް ފުދެއެވެ. އެމީހުން އެމީހުންގެ އާއިލާއާ ދުރުގައި ރަމަޟާން މަހުގެ ރޯދަތައް ހިފުމަށް މަޖުބޫރުވެއެވެ.
ހަގީގަތުގައި ރަމަޟާން މަސް ފިޔަވައި އެހެން މަސްތަކުގައި ވެސް މަންމަގެ މަސައްކަތަށް ކުޑަ ވެސް ލުޔެއް ނާދެއެވެ. ބަދަލުގައި ރަމަޟާން މަހު، އެ މައިންގެ ޒިންމާތައް ދަނީ އެތައް ގުނައަކަށް އިތުރު ވަމުންނެވެ. މި މަހަކީ އާއިލާއާއެކު ވަގުތު ހޭދަކޮށް ދީނީ ކަންކަމުގައި މަސްޢޫލު ވުމަށް ތިމާއަށް ލިބިގެންދާ ފަހި ފުރުސަތެކެވެ. އާއިލާއާ ދުރުގައިވީ ނަމަވެސް އެމީހުންނާ ވާހަކަ ދައްކާލާ ހީސަމާސާކޮށް ހެދުމަށް މިއަދު ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތައް އެވަނީ ބަރާވެފައެވެ. މި މަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފޭ ބައެއް ކަމުގައި ވުމަށް މަސައްކަތް ކުރަމާތޯއެވެ.