ބޭސް ފަރުވާ އަށް އިންޑިއާއަށް ދިޔަ ބައެއް މީހުންނަށް ފަރުވާ ނުދެވި ހާލު ސީރިއަސްވެއްޖެ
އިންޑިއާ އަށް އާސަންދަ ކުންފުނީގެ ހަވާލުގައި ފަރުވާ އަށް ފޮނުވި ބައެއް ދިވެހިންނަށް ފަރުވާ ނުދެވި ހާލު ސީރިއަސްވެއްޖެއެވެ.
މިމަހުގެ 14 ވަނަ ދުވަހު އިންޑިއާ އަށް ގެންގޮސް އަމްރިތާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮތް ބަލި މީހެއްގެ އާއިލާއާ ހަވާލާދީ "ވަގުތު" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބަލި މީހާ އިންޑިއާ އަށް ގެންދިޔައިރު ހިނގައިބިނގައިވެ އުޅެވޭ ކަމަށާއި ނަމަވެސް މިހާރު ހާލު ސީރިއަސްވެ އެކަނި ފާހާނާ އަށް ނުދެވޭ ކަމަށެވެ.
އޭނާ ބުނީ ބޭސްފަރުވާ އަށް ދިޔަ ދިވެހިންތަކެއް ފައްސިވުމުން ވަރަށް މަދު ބަލި މީހެއް ފިޔަވައި އެހެން މީހުންނާއި، ބަލި މީހުންގެ އެހީތެރިން ވަނީ އެކަމަޑޭޝަން ބްލޮކެއްގައި ކަރަންޓީން ކޮށްފައި ކަމަށެވެ. އެހެންކަމުން އޭނާގެ އާއިލާ މެމްބަރު އޮތީ އެކަނި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ކަމަށާއި ކައިރީގައި އެހީތެރިއަކަށް ވެސް ނުހުރެވޭ ކަމަށެވެ.
"ނަރުހުން ދަނީ ހަމައެކަނި އިނެޖްޝަނެއް ޖަހަން. ހަތަރު ދުވަސް ވެއްޖެ ހާލު ސީރިއަސް ވެގެން ނުކެވޭތާ. ކާއެއްޗެއް ނުކެވޭ އިރުވެސް ކެވޭ ކަހަލަށް ކާއެއްޗެއް ފޯރުކޮށެއް ނުދޭ." އާއިލާ މެމްބަރު ބުންޏެވެ.
އޭނާ ބުނީ ބަލި މީހާގެ ކައިރީގައި އެހީތެރިއަކު ނެތުމުން އާއިލާ ފަރާތުން ބަލި މީހާއަށް ކާއެއްޗެހި ފޯރުކޮށްދެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. ބަލި މީހާގެ އެހީތެރިޔާ އެދިގެން ބަލި މީހާއަށް އިއްޔެ ވަނީ އައިވީއެއް ގުޅައިދީފައެވެ.
ބަލި މީހާގެ ހާލަތު ގޯސްވަމުން ދާއިރުވެސް ފަރުވާއެއް ނުލިބޭތީ އާސަންދައަށް ގުޅުމުން އާސަންދަ އިން ވަނީ އިންޓަނޭޝަނަލް ކައުންޓަރަށް ގޮސް މައުލޫމާތު ހޯދުމަށް އަންގާފައި ކަމަށް ވެސް އޭނާ ބުނެއެވެ.
އަމްރިތާ ހޮސްޕިޓަލަށް ދިޔަ އެހެން ބަލި މީހެއްގެ އާއިލާ މެމްބަރަކު ވެސް "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ އާއިލާ މެމްބަރަށް ވެސް ދެހަފްތާ ވީއިރު އެއްވެސް ފަރުވާއެއް ނުލިބޭ ކަމަށާއި ދުވަހަކަށް ވުރެ ދުވަހަކު ހާލަތު އިތުރަށް ގޯސްވަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ