ދުނިޔެ

ކޮވިޑް-19: ޖޯންސަން އެންޑް ޖޯންސަނުން އުފެއްދި ވެކްސިން ޖެހުމުން، ރާމާމަކުނު މިބަލިން ރައްކާތެރިވާ ކަމަށް ދައްކައިފި!

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ތައްޔާރުކުރި ޓެސްޓު ވެކްސިން ރާމާމަކުނަށް ޖެހުމުން، އެއެއްޗެހި މިބަލިން ރައްކާތެރި ކޮށްދޭކަމަށް ނަތީޖާ ދައްކައިފިއެވެ.

Ads by Sosun Fihaara

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ބުނެފައިވަނީ ދެން އެވެކްސިން އިންސާނުންގެ ގަޔަށްޖަހާ ޓެސްޓު ކުރުމަށް ވެސް ތައްޔާރުވެފައިވާ ކަމަށެވެ.

މިވެކްސިން ޓެސްޓު ކުރުމަށް ހަ ރާމާމަކުނު ބޭނުން ކޮށްފައިވާއިރު، އެމީހުން ބުނެފައިވަނީ ވެކްސިން ދިނުމަށްފަހު އެހުރިހާ ރާމާމަކުނެއްގެ ފުއްޕާމޭ ވެސް ސާފުވެ ރަނގަޅުވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ފަސް ރާމާމަކުނެއް އަލުން އިންފެކްޓުވުމުން ސަލާމަތްވެސްވި ކަމަށް "ނޭޗަރ" ޖާނަލްގައި ޝާއިއު ކޮށްފައިވެއެވެ.

"މީގެން އަހަރުމެންނަށް ޔަގީންކަން ލިބޭ މިވެކްސިން އިންސާނުންގެ ހަށިގަނޑަށް ޖަހައިގެން ޓެސްޓުކުރަން ވެސް ރައްކާތެރިކަން" ޖޯންސަން އެންޑް ޖޯންސަން ގެ ޗީފް ސައިންޓިފިކް އޮފިސަރ ޑރ. ޕޯލް ސްޓޮފެލްސް ރޮއިޓާސް އަށް ފޯނުން ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ކޮރޯނާ އަށް ވެކްސިނެއް ތައްޔާރު ކުރުމަށް އެތައްބަޔަކު މަސައްކަތް ކުރާއިރު، ޖޯންސަން އެންޑް ޖޯންސަނުން މިވެކްސިން ތައްޔާރު ކުރުމަށް މަސައްކަތް ފަށާފައިވަނީ އެހެން ކުންފުނިތަަކަށްވުރެ ލަހުންނެވެ. މިކުންފުނިން އަދި ތައްޔާރު ކުރަމުން އެގެންދަނީ ވެކްސިން އިންސާނުންގެ ގަޔަށް ޓެސްޓުކުރަން ޖަހަން އެކަށީގެންވޭތޯއެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން މިވެކްސިން ތައްޔާރު ކުރުމަށް ފަންޑު ކޮށްދެނީ އެމެރިކާ ސަރުކާރުންނެވެ. އެގޮތުން 456 މިލިއަން ޑޮލަރުން އެމެރިކާ ސަރުކާރުން އެކުންފުންޏަށް، މިވެކްސިން ތައްޔާރު ކުރުމަށްޓަކައި ދީފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!