ދުނިޔެ ގަބޫލުކުރާ އިންސާފު ޔާމީނަކަށް ނުލިބޭ, މިއަށް ކިޔަނީ ހަގީގީ އަނިޔާ: ޝަހީމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބެންޖެހޭ އިންސާފު ނުލިބޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއިން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ އެޑްވައިޒަރު، ޝަހީމް ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ލިބުނު ކާމިޔާބީއަކީ ރައީސް ޔާމީނަށް ރައްޔިތުން ދެއްވި ކާމިޔާބީއެއް ކަމަށެވެ.
“ޕީޕީއެމް މި ހޯދި ކާމިޔާބީގެ ސިއްރަކީ ރައީސް ޔާމީންގެ ޒަޢާމަތުގައި އެ މަނިކުފާނު ގައުމަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަން ކުރެއްވި ކަމުގެ މަތިވެރި ނިޝާނެއް. އެހެންކަމުން އަޅުގަނޑު އެދެނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ރައީސް ޔާމިން މިނިވަން ކޮށްދެއްވުމަށް”
ރައްޔިތުން ނުކުމެ ޕީޕީއެމަށް ދިން ތާއީދުގެ މާނައަކީ ދީނަށް ފުރައްސާރަ ކުރާ މީހުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭން ރައްޔިތުން ނޭދޭކަން އަންގައިދޭ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ޖަލުގައި އޮންނަވާތާ 2 އަހަރު ވެއްޖެ ކަމަށާއި މިހާރުން މިހާރަށް ދޫކޮށްލުމަށް އެ މަނިކުފާނު ގޮވައިލެއްވިއެވެ.
"ރައީސް ޔާމީނަށް އާއިލާގެ ބޭފުޅުންނާ ބައްދަލު ނުކުރެވި ދެ އަހަރު ވަނީ. ޖަލުގައި ދެ އަހަރު. އެއް ރޯދަމަސް ނިމި އަނެއް ރޯދަ މަހުގެ ތެރެއަށް ވަދެގެން މިދަނީ. ދުނިޔޭގެ ކޮން ނިޒާމެއްގަތޯ މީ އަދާލަތު ކަމުގަ ލިޔެފައި އޮންނަނީ؟ ކޮބައިތޯ ބައިނަލްއަގުވާމީ މުއައްސަސާތައް؟ މިއަށް ކިޔަނީ ހަގީގީ އަނިޔާ، ދިވެހި ރައްޔިތުން މިވަނީ އެމީހުންގެ ބަސް އިއްވާފަ." ޝަހީމް ވިދާޅުވިއެވެ.
ޕީޕީއެމުން ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ ރައްޔިތުންގެ ބަސް އަހާނެ ކަމަށާއި ފުރިހަމަ ތަރައްގީ ފެނިގެން ދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.