ރަޝިއާގެ ސްޕަޓްނިކް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އިންޑިއާއިން ދީފި

ރަޝިއާއިން ކޮވިޑް-19 އަށް އުފައްދައިފައިވާ ސްޕަޓްނިކް ވެކްސިން އިންޑިއާގައި ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުން ދީފިއެވެ.
އިންޑިއާއިން ކޮވިޑް ވެކްސިން ޖަހަން ފެށީ މިދިޔަ ޖެނުއަރީ މަހުއެވެ. އެ ގައުމުގައި ޖަހަމުން ދަނީ ކޮވިޝީލްޑް ވެކްސިނާއި ކޮވެކްސިނެވެ. ރަޝިއާއިން އުފައްދާފައިވާ ސްޕަޓްނިކް ވެކްސިން އެ ގައުމުގައި ޖަހަން ހުއްދަ ދިނުމާ އެކު ކޮވިޑް-19އަށް މި ތިން ވެކްސިން ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. އިންޑިއާއިން ވަނީ އެގައުމުގައި މިހާތަނަށް ކޮވިޝީލްޑް އާއި ކޮވެކްސިންގެ 100 މިލިއަން ޑޯޒް ޖަހާފައެވެ
އިންޑިއާ ސަރުކާރުން ދަނީ އިތުރު ވެކްސިންތައް ގެނެސް ބޭނުން ކުރުމަށް ހުއްދަ ދިނުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކާއެކު ކުރަމުންނެވެ. މީގެ ތެރޭގައި ޔޫއެސް، ޔޫރަޕް، ޔޫކޭ ފަދަ ގައުމުތަކުން ތައްޔާރު ކުރާ ވެކްސިން ހިމެނެއެވެ.
އިންޑިއާއިން މިހާތަނަށް ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 13،873،825 އަށް އަރާފައެވެ. ކޮވިޑް ބަލި ހަލުވި ކަމާއެކު އިންޑިއާގައި ފެތުރެމުންދާއިރު ވެކްސިން ޖެހުމުގެ ކަންތައްތައް ވީހާވެސް އަވަހަށް ކުރިޔަށް ގެންދިޔުމަށް އެ ގައުމުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.