ލުއި ޚަބަރު

ޅަ އުމުރު ހޭދަ ކުރީ ދަރިންނަށްޓަކައި، އުމުރުން ދުވަސް ވުމުން އެ ދަރިން މި މަންމަ އެއްލާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އާދައިގެ މަތިން ފޭސްބުކް ބަލައިލީމެވެ. އެކި މީހުން ލިޔެފައި ހުރި ހެއްވާ މަޖާ އެއްޗެހި ފެނުމުން އަހަންނަށް ވެސް ހެވުނެވެ.

Ads by MWSC

ނަމަވެސް ކުއްލިއަކަށް އަހަރެންގެ ހިނިތުންވުން ގެއްލުވައިލީ ލޮލުގައި އަޅައިގަތް ފޮޓޯއަކުންނެވެ. އެ ފޮޓޯއިން ފެންނަނީ އުމުރުން ވަރަށް ދުވަސްވެފައިވާ އަންހެނަކު އޮށޯވެގެން އޮތް ތަނެވެ. އަތަށް ހޮޅިއެއް ގުޅާފައި އޮތުމުން، އޭނާގެ ސިއްޙީ ހާލަތު ރަނގަޅު ނޫންކަން އެނގުނެވެ. އޭނާ އޮތް ތަނުގެ ވަށައިގެން ހުރި އެއްޗެއްސަށް ބަލައިލުމުން، އެއީ ވަރަށް ވެސް ފަޤީރު ނިކަމެއްޗެއްކަން ވެސް އެނގުނެވެ. ހަޑިވެފައި އޮތް ބާލީހެއްގައި ބޯ އަޅައިގެން އޮތް އިރު، ކައިރީގައި އެތެރެ ފެންނަ ކޮތަޅެއް ހުއްޓެވެ. އޭގައި ތުއްތު ކުދިންގެ ހެދުން ތަކެއް ވެސް ހުއްޓެވެ.

ދެން އަހަރެން ނަޒަރު ހިންގާލީ އޭނާގެ މޫނަށެވެ. އެ މޫނުމަތިން ހިތާމައާއި މަޑުމޮޅިކަން ވަރަށް ސާފުކޮށް ފާޅުވާން ހުއްޓެވެ. އެހެންކަމުން، ކެޕްޝަންގައި ނުހަނު ދިގުކޮށް ލިޔެފައިވާ އޭނާގެ ވާހަކަ ކިޔައިލައި ހިތްވިއެވެ. ފޮޓޯއިން ފެންނަ އަންހެން މީހާއަކީ ރާއްޖޭ މީހަކަށް ނުވިކަމުގައި ވިޔަސް، އޭނާގެ ވާހަކަ ޙިއްސާކޮށްލާނަމެވެ.

"އަހަރެންގެ ހުރިހާ އެއްޗެއް ވެސް ގެންގުޅުނީ ކޮތަޅަކަށް އަޅައިގެންނެވެ. އެކޮތަޅުގައި އަހަރެން އެންމެ ބޮޑަށް ރައްކާކޮށްގެން ގެންގުޅެން ބޭނުންވި ސާމާނުތައް ހުންނާނެއެވެ. އެއީ އަހަރެންގެ މަންމަ ކައިވެނި ކުރަން އެޅި ސާޅިއާއި، އަހަރެންގެ ދަރިން އެންމެ ފުރަތަމަ ލެއްވި ހެދުންތަކާއި އަދި އަހަރެންގެ ފިރިމީހާގެ އައިނެވެ. އަހަރެން އެ ތަކެތި ގެންގުޅުނީ ވަރަށް ލޯބިންނެވެ. އެއީ ދިރިއުޅުމުގައި އަހަންނަށް ލޯތްބާއި ހިތްހަމަ ޖެހުން ލިބުނީ ވަރަށް މަދު ދުވަސްކޮޅަކު ކަމުގައިވާތީއެވެ. އެހެންކަމުން އަހަރެން ބޭނުންވީ އެ ދުވަސްތައް އަބަދުވެސް ހަނދާންކޮށް އަހަންނާ ވީހާވެސް ގާތުގައި އެހަނދާންތައް ބަހައްޓާށެވެ.

އުމުރުން 30 އަހަރުގައި، އަހަރެންގެ ފިރިމީހާ ނިޔާވެއްޖެއެވެ. ހުވަފަތް ވީއިރު އަހަންނަކީ ހަތް ކުދިންގެ މަންމައެކެވެ. ފިރިމީހާގެ މަރަށްފަހު އަހަންނަށް އެންމެ ދުވަހަކު ވެސް ހަމަޖެހިލައިގެން ހުންނަން ފުރުސަތެއް ނުލިބުނެވެ. ފިރިމީހާ މަރުވި ދުވަހު ނޫން އަނެއް ދުވަހު އަހަންނަށް ޖެހުނީ ދަނޑަށް ގޮސް ވިނަތައް އެއްވަރުކުރުން ފަދަ މަސައްކަތް ކުރާށެވެ. އަދި އެރޭ މަސްބާނަން ވެސް އަހަރެން ދިޔައިމެވެ. މަސްކޮޅެއް ބޭނުންމަށް ފަހު ކޯރު ކައިރީ އިށީނދެގެން އިނދެ ރޮމުން އަހަރެން އަހަރެންގެ ފިރިމީހާއަށް ގޮވީމެވެ.

އަހަރުމެން ދިރިއުޅުނީ ހަލާކުވެ ވީރާނާވެފައިވާ ގެ ގަނޑެއްގައެވެ. އެ ގެ ގަނޑުގައި ދޮރެއް ވެސް ނުހުންނާނެވެ. އެހެންކަމުން އަހަރެންގެ ދަރިން ނިންދެވުމަށް ފަހު އަހަރެން އިންނަނީ ނުނިދާ ފޯރިއަށެވެ.

ކާބޯތަކެތި ހޯދުމަށް އަހަރެން ޖަންގައްޔަށް ދިޔައީމެވެ. ގަސްގަހަށް އަރާ މޭވާއާއި ތަރުކާރީފަދަ ތަކެތި ބިނދެ އަދި އެނޫން ވެސް އެކި ތަންތަނުން ކާއެއްޗެހި ހޯދީމެވެ. އެއީ އަހަރެންގެ ލޯބިވާ ދަރިންނަށް ކާން ދިނުމަށްޓަކައެވެ. އަހަރެން ބަނޑުހައި ހޫނުކަންމަތީ ހުރިކަމުގައި ވިޔަސް، ދަރިންނަށް ކާންދިނީމެވެ.

ޖަންގައްޔަށް ދާން ކޮންމެ ދުވަހަކު އަހަންނާ އެކު އަހަރެންގެ އެންމެ ހަގު ފިރިހެން ދަރި ދެއެވެ. އަހަރެންގެ އަތުގައި ހިފާފައި، 'މަންމާއޭ އަހަރުމެން ބޮޑުވުމުން މަންމައަށް ހުރިހާ އެއްޗެއް ވެސް ހޯދައިދޭނަމޭ' އެ ދަރިފުޅު ބުންޏެވެ.

ދުވަސްތައް ވޭތުވަމުން ގޮސް އަހަރެންގެ ހުރިހާ ދަރިންވެސް ބޮޑެތިވެ އެކި ތަންތަނަށް ދިޔައެވެ. އަަހަރެން ވެސް އަހަރެންގެ ކޮތަޅު ހިފައިގެން އެމީހުންނާ އެކު ފަހަރަކު ދަރިއެއްގެ ގޭގައި އުޅުނީމެވެ. އަހަރެން ދިރިހުރުމުގެ މަޤްސަދުކަމުގައި ވީ ދަރިން، ބޮޑެތިވެގެން އުޅުނީ އަހަންނާ ހެދި އުނދަގޫ ވެގެންނެވެ.

އަހަރެންގެ ދޮށީ ފިރިހެން ދަރި އޭނާގެ އަނބިމީހާ ގާތު އެއްދުވަހު ސުވާލު ކުރި އަޑުއެހީމެވެ. 'މީނަ މަރު ވާނީ ކޮންއިރަކު ބާއެވެ؟' ޖަވާބުގައި އޭނާބުނީ 'އަވަހަކަށް މަރެއް ނުވާނެ' ކަމަށެވެ. އަހަރެންގެ ހިތްހީވީ ކުދިކުދިވީހެންނެވެ.

މިދިޔަ އަހަރު އަހަރެން ، އަހަރެންގެ ހަގު ފިރިހެން ދަރިފުޅުގެ ގެއަށް ދިރިއުޅެން ދިޔައީމެވެ. އޭނާއަށް އަހަރެންގެ ބޭސް ސިޓީ ދައްކައިފައި ބޭސް ނަގައި ދިނުމަށާއި އައިނު ހަދައި ދިނުމަށް ވެސް އެދުނީމެވެ.

ކުއްލިއަކަށް އޭނާ އަހަންނާ ދިމާލަށް އެއްޗެހި ގޮވަން ފެށިއެވެ. އަދި އަހަރެންގެ އަތުގައި ހިފައި ދަމާ ނެރެ، އޭނާގެ ގެއާއ ވަރަށް ދުރަށް ގެންގޮސް މަގުމައްޗަށް އެއްލާލާފައި، އަހަރެންގެ ކޮތަޅު އަހަރެން އުނގަށް ޖަހައިފައި ބުނީ، ގޮސް ސަލާން ޖެހުމަށެވެ. އޭނާ ބުނީ އަހަރެން އުމުރުގެ މީހުންނަށް ސަލާން ޖަހައިގެން ހަމަ ވަރަށް އަރާމުގައި އުޅެވޭނެ ކަމަށެވެ.

މީހުން ބަލަން ފެށުމުން އޭނާ އެތަނުން އަވަހަށް ދިޔައެވެ. އެތަނުން އެކަކު އަހަރެން ކޮޅަށް ނަގައިދީފައި ދާން ބޭނުންވަނީ ކޮންތާކަށްތޯ އެހިއެވެ. ޖަވާބުގައި ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. ދާނީ ކޮންތާކަށް ހެއްޔެވެ؟ އަހަރެން މިހުރީ ހަމަ ރަނގަޅަށް ވެސް އެކަނިވެފައެވެ. ދަރިން ކަންތައް ކުރިގޮތުން ހިތް ކުދިކުދި ވުމުގެ އިތުރުން އެހާމެ ލަދު ވެސް ގަތެވެ.

ވަގުތު ކޮޅަކަށް އަހަރެން ބޭނުންވީ އަނެއްކާވެސް އުމުރުން 30 އަހަރުގެ ދުވަސްތަކަށް ދާށެވެ. ޖަންގައްޔަށް ގޮސް ގަސްތަކަށް އަރާ، އެކަނި ކާއެއްޗެހި ހޯދައިގެން އުޅުނު ދުވަސްތަކަށް އަލުން ދާން ބޭނުންވިއެވެ. އަދި އެއަށްވުރެ ބޮޑަށް އަހަރެންގެ ދަރިން އަހަރެންގެ އަތުގައި ހިފައި، އަހަރެން ދެކެ ލޯބިން އުޅެން އަހަރެން ބޭނުންވިއެވެ.

މިހާރު އަހަރެން ބަނޑުހައެއް ނުވެއެވެ. އެއްވެސް މީހެއް ފަރާތުން ލޯތްބެއް ވެސް ބޭނުމެއް ނޫނެވެ."

މަސްދަރު: ޖީއެމްބީ އާކާޝް ފޭސްބުކް ޕޭޖް

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!