ޚަބަރު

ކޮވިޑް-19: އޭދަފުށިން ފައްސިވި މީހުންގެ އަދަދު 6 އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބ.އަތޮޅު އޭދަފުށިން ކޮވިޑް-19އަށް މިހާތަނަށް ޖުމްލަ ހަ މީހަކު ފައްސިވެފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by MWSC

އޭދަފުށިން ފައްސިވެފައި ވަނީ އެރަށުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެކެވެ.

އޭދަފުށީން މައުލޫމާތު ލިބުނު ގޮތުގައި ފައްސިވީ މީހާއާ ކޮންޓެކްޓްވެފައިވާ މީހުން ހޯދައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފައެވެ. އަދި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނިކުމެ ނޫޅެން އަންގާފައިވާއިރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އަކުން ފެށިގެން ދަށް ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ނުގެންދަން ވަނީ ވެސް އަންގައިފައެވެ.

އޭދަފުށީގައި ވަކި ތަރުތީބެއް ނެތި ރެންޑަމް ސާމްޕަލް ނެގުން މިއަދު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އޭދަފުށިން ކޮވިޑް ފެނުމާ ގުޅިގެން ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި ބަލިން ރައްކާތެރިވުމަށް ހުރިހާ އެންމެން ވެސް ފަރުދީ ޒިންމާ އަދާކޮށް، އެޗްޕީއޭގެ ގައިޑްލައިނަށް ފުރިހަމައަށް ޢަމަލު ކުރުމަށް ހުރިހާ ރައްޔިތުންނަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

އޭދަފުށި މިހާރު މޮނީޓަރިންގައި އޮތްއިރު އެ އަތޮޅު މާޅޮހުން ދެ ފަތުރުވެރިއަކު ފައްސިވެ އެރަށް ވެސް އޮތީ ކަރަންޓީނުގައެވެ.

އޭދަފުށްޓަކީ ބ. އަތޮޅުގެ ރައްޔިތުންނާއި ކައިރި އަތޮޅު ތަކުގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެކިއެކި ހިދުމަތްތައް ހޯދުމަށް ޒިޔާރަތް ކުރާ ރަށެކެވެ.ނަމަވެސް އެ ރަށް މޮނީޓަރިންއަށް ލުމާއެކު މިހާރު އެ ރަށަށް އަރައި ފޭބުން މަނާ ވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!