މަންމަ "ކާލި" މީހާގެ މައްސަލަ ކޯޓަށް
ސްޕެއިންގައި 2019 ވަނަ އަހަރު 23 އަހަރުގެ މީހަކު އޭނާގެ މަންމަ މަރާލުމަށް ފަހު، މަންމަގެ މަސް ކެއި މައްސަލައެއް ކޯޓުން ބަލަން ފަށައިފިއެވެ.
އެލްބާޓޯ ސެންޗޭސް ގޮމޭޒް ހައްޔަރު ކޮށްފައި ވަނީ، އޭނާގެ މަންމަ މަރާލުމުގެ މައްސަލައިގައެވެ. މައްސަލަ ތަޙްޤީޤް ކުރި ޓީމަށް، އެލްބާޓޯ ހައްޔަރު ކުރި ގެއިން ވަނީ އޭނާގެ މަންމަގެ ހަށިގަނޑުގެ ބައިތައް ފެނިފައެވެ. އޭގެ ތެރެއިން ބައެއް އެއްޗެހި ޕްލާސްޓިކް ކޮންޓެއިނަރުތަކަށް ވެސް އަަޅާފައި ހުއްޓެވެ.
މި މީހާގެ މައްޗަށް ދައުވާ ކުރުމުން ކޯޓުގައި ބުނެފައި ވަނީ އޭނާގެ މަންމަގެ މަސް ކެއި ހަނދާން އޭނާ ނުވާ ކަމަށެވެ. އަދި މަންމަ މަރާލި ހަނދާނެއް ވެސް އޭނާ ނުވެއެވެ.
އޭނާގެ ނަފްސާނީ މައްސަލަތަކެއްގެ ހުރުމުގެ އިތުރުން އެއީ ޑްރަގް ބޭނުން ކުރާ މީހެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ސްޕެއިންގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އޭނާ ވަނީ މަންމަގެ ހަށިގަނޑުގެ ބައެއް ބައިތައް ކައްކާފައެވެ. އަދި އަނެއް ބައިތައް ހުރީ ކައްކަން ތައްޔާރު ކޮށްފައެވެ.
މި ފިރިހެން މީހާ ފަހުން ވަނީ މަންމަގެ މިނިމަސް ކެއި ކަމަށް މިހާރު އެއްބަސްވެފައެވެ. އަދި އެ މަސްތައް ކުއްތާއަށް ވެސް ދިން ކަމުގައި އޭނާ ކޯޓުގައި ވަނީ ބުނެފައެވެ.