ކޮވިޑް-19: އޭދަފުށިން ފައްސިވީ މީހުންގެ ޢަދަދު 12އަށް
ބ.އޭދަފުށީގައި ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރޭ މިންވަރު އިތުރުވެ ޕޮޒިޓިވްވި މީހުންގެ ޢަދަދު 12އަށް އަރައިފިއެވެ.
އެ ރަށުގައި ކޮވިޑް ފެތުރެމުން ދިޔުމާ ގުޅިގެން މިހާރު ދަނީ ރެންޑަމް ސާމްޕަލް ނަގަމުންނެވެ. މިހައިތަނަށް ނެގި 411 ސާމްޕަލްގެ ތެރެއިން އިތުރު 5 މީހުންގެ ނަތީޖާ ފައްސި ވެފައިވާކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.
އެ ރަށުން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އެރަށުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެކެވެ. އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވި އެންމެން މިހާރު ވަނީ އެކަހެރި ކުރެވިފައެވެ.
އެ ރަށުގައި ގިނަ ފިޔަވަޅުތައް އަޅައިފައިވާއިރު ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނިކުމެ ނޫޅެން ވެސް ވަނީ އަންގައިފައެވެ. އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އަކުން ފެށިގެން ދަށް ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ނުގެންދަން ވަނީ ވެސް އަންގައިފައެވެ.
އޭދަފުށިން މިހާރު މޮނީޓަރިންގައި އޮތްއިރު އެ އަތޮޅު މާޅޮހުން ދެ ފަތުރުވެރިއަކު ފައްސިވެ އެރަށް ވެސް އޮތީ ކަރަންޓީނުގައެވެ.
އޭދަފުށްޓަކީ ބ. އަތޮޅުގެ ރައްޔިތުންނާއި ކައިރި އަތޮޅު ތަކުގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެކިއެކި ހިދުމަތްތައް ހޯދުމަށް ޒިޔާރަތް ކުރާ ރަށެކެވެ.ނަމަވެސް އެ ރަށް މޮނީޓަރިންއަށް ލުމާއެކު މިހާރު އެ ރަށަށް އަރައި ފޭބުން މަނާ ވާނެއެވެ.