ﷲ ތަޢާލާ ، ހަލާލު އަނތްބެއް ދެއްވައިފައި ވަނިކޮށް ޙަރާމް ގުޅުންތައް ހިންގާ މީހާއަށް އޮތް އިންޒާރު!
އެކެއް އަނެކެއްގެ ކިބައިން އުފަލާއި ސުކޫން ހޯދުމަށް ﷲ ތަޢާލާ ދެއްވައިފައިވާ މަތިވެރި ނިޢުމަތަކީ ކައިވެނީގެ މަތިވެރި ގުޅުމެވެ. ޒަވާޖީ ޙަޔާތެވެ. އެއީ ދުނިޔަވީ ޟަރޫރަތްތައް ޙާޞިލް ކުރުމަށާއި އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް އަނބިމީހާއާއި ފިރިމީހާ ، އެކަކު އަނެކަކަށް ތެދުވެރިވެ އެހީތެރިވުމަށް އޮތް މަތިވެރި އަޤުދެކެވެ. އެކަކު އަނެކަކަށް ވަފާތެރިވުމަށް އެއްބަސްވާ އެގްރީމެންޓެކެވެ.
މިފަދަ މާތް މަތިވެރި ގުޅުމެއް ﷲ ލައްވަވައިފައިވާ ހިނދު ވެސް އެ ގުޅުމަށް ބޭވަފާތެރިވާ މީހުންނަކީ މަދު ބައެއް ނޫނެވެ. ރާއްޖޭގައި ހިނގާ ވަރީގެ ޢަދަދުތަކާއި އެކަމުގެ ސަބަބުތަކަށް ވިސްނައިލުމުން މިކަން ސާފުވެއެވެ.
ޙަރާމް ގުޅުންތަކަށް އަރައިގަތުމަކީ ނުރައްކާތެރިކަން ބޮޑު ކަމެކެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް އެކަމަކުން ރައްކާތެރިވެ ފަރުވާތެރިވާންވީ ކަމެކެވެ.
އިސްރާއާއި މިޢުރާޖުގެ ރޭގައި ނަރަކައިގެ އަހުލުވެރިއެއްގެ ގާތަށް ދެ ބާވަތެއްގެ މަސް ގެނެވުނު ތަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފެނިވަޑައިގަތެވެ. އެއީ ވަރަށް ތާޒާކޮށް ކައްކާފައި ހުރި އެއްގަމު މަހާއި އަދި ކުނިވެ ފުޅައަޅައިފައިވާ މަހެވެ. އެ ތަކެތި ގެނެވުނީމާ އޭނާއަށް ބޭނުން އެއްޗެއް ނެގުމަށް ޚިޔާރު ދެވުނެވެ. އެ ހިނދު އޭނާ ޚިޔާރު ކުރީ ކުނިވެފުޅަ އަޅައިފައިވާ މަހެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެމީހާއާ ގުޅޭ ގޮތުން ޖިބްރީލް އަމީންއާ ސުވާލު ކުރެއްވުމުން ޖިބްރީލްގެފާނު ދެންނެވިއެވެ.
އެއީ ﷲ ސުބްހާނަހޫ ވަތަޢާލާ އެމީހަކަށް ހަލާލު އަނބިމީހާ ދެއްވައިފައި ހުއްޓާ ، ޙަރާމް ގޮތް ގޮތުން ނުބައި ޢަމަލުތައް ހިންގާ މީހާއެވެ.
ޔާ ﷲ! އަޅަމެންނީ ކައިވެންޏަށް ވަފާތެރި ބައިވެރިޔާއަށް އިޚްލާޞްތެރި ބައެއް ކަމުގައި ލައްވާށިއެވެ. އަޅަމެންގެ ގުޅުންތައް އިޞްލާޙް ކުރައްވައި އެ ގުޅުންތަކުގައި ބަރަކާތް ލައްވާށިއެވެ. އާމީން!
(ޝައިޚް ޢަލީ ޒައިދުގެ ދަރުހަކުން)