ޚަބަރު

ކޮވިޑް-19 : އިސްލާމީ އިލްމުވެރިޔާ މައުލާނާ ވަޙީދުއްދީން ޚާން އަވަހާރަވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު އިސްލާމީ އިލްމުވެރިޔާ މައުލާނާ ވަޙީދުއްދީން ޚާން އަވަހާރަވެއްޖެއެވެ.

Ads by MWSC

އޭނާ އަވަހާރަވީ ކޮވިޑް-19އަށް ފައްސިވެ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އެޕޯލޯ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. ކޮވިޑަށް ފައްސިވެ އޭނާ ހޮސްޕިޓަލަށް ގެންދެވުނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ. އަަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ.

ވަހީދުއްދީން ޚާން ވަނީ 200 އަށްވުރެ ގިނަ ފޮތް ލިޔުއްވާފައެވެ. އަދި އޭނާގެ ގިނަ ފޮތްތަކެއް ދުނިޔޭގެ އެކި ބަސްބަހަށް ތަރުޖަމާ ކުރެވިފައިވެއެވެ. އޭނާ ލިޔުއްވި އެންމެ މަޝްހޫރު ފޮތަކީ "އިސްލާމް އައުރް ޖަދީދް ޗެލެންޖް" ނަމަކަށް ކިޔާ ފޮތެކެވެ. މި ފޮތް އެކި ބަސްބަހަށް ތަރުޖަމާ ކުރެވިފައިވާއިރު، އެކި ގައުމުތަކުގެ ޔުނިވާސިޓީތަކުގައި ކިޔަވައިދޭން ވެސް މި ފޮތް ބޭނުން ކުރެއެވެ. އަދި އޭނާ ވަނީ "ތަޒްރީކުލް ޤުރުއާންް"ގެ ނަމުގައި ކީރިތި ޤުރުއާނުގެ ތަފްސީރެއް ވެސް ލިޔުއްވާފައެވެ،

ވަހީދުއްދީން ޚާންގެ ފޮތްތައް ދިވެހިބަހަށް ވެސް ތަރުޖަމާ ކުރެވިފައި އެބަހުއްޓެވެ. އެގޮތުން، އަބްދުﷲ ފާރޫޤު ހަސަނާއި، އަބްދުﷲ ނަޢީމު އިބްރާހިމާއި، މުހައްމަދު މުޞްތަފާ ޙުސައިނާއި، ޑރ.ހަސަން ހަމީދު ވަނީ އޭނާގެ ބައެއް ފޮތްތައް ދިވެހިބަހަށް ތަރުޖަމާ ކުރައްވައިފައެވެ.

ހަމަ އެހެންމެ އޭނާ ވަނީ އެކި ރޮނގުރޮނގުން އެވޯޑް ވެސް ހާސިލު ކުރައްވާފައެވެ. އެގޮތުން މިއަހަރު އޭނާއަށް ވަނީ އިންޑިއާގެ "ސެކަންޑް ހައިއެސްޓް ސިވިލިއަން އޮނާރ" ލިބިވަޑައިގެންފައެވެ.

1925ގައި އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަޢުޡަމްގަޅުގެ އަވަށެއްކަމަށްވާ ބަދަރިއާއަށް އުފަންވެވަޑައިގެން  މި އިލްމުވެރިޔާ ފާހަގަ ކުރެވިފައި ވަނީ ދުނިޔޭގެ އަމަންއަމާންކަމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި 2009 ވަނަ އަހަރު އެމެރިކާގެ ވޮޝިންޓަންގެ ޖޯޖްޓައުން ޔުނިވާސިޓީއިން ނެރުނު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ މުސްލިމު އިލްމުވެރިންގެ ތެރޭގައި ވެސް އޭނާގެ ނަން ހިމެނެއެވެ.

މީގެ އިތުރުން، 2001 ވަނަ އަހަރު ސުލްހަވެރިކަމާއި އަމަންއަމާންކަން ގާއިމުކުރުމަށް ގޮވާލުމުގެ ސެންޓަރެއް އުފައްދަވާ، އޭނާ ވަނީ އިންޑިއާގައި ސުލްހަމަސަލަސްކަން ގާއިމު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އަދި 1992ގައި އިންޑިއާގެ ހިންދޫ ދީނުގެ މީހުން، ބާބްރީ މިސްކިތް ތަޅާލައި އެތަނުގައި ފައްޅި އެޅުމަށް މަސައްކަތް ކުރުން ހުއްޓުވައި އެކަމަށް ހުރަސް އެޅުމަށް 15 ދުވަހުގެ ސުލްހަވެރި ހިނގާލުމެއް ވެސް އޭނާ ވަނީ އިންތިޒާމު ކޮށްފައެވެެ.

ވަހީދުއްދީންޚާން އަވަހާރަވީއިރު އޭނާގެ ތިން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެއީ ޑރ.ފަރީދާ ޚާނާއި، ޑރ.ޒަފަރުލްއިސްލާމްގެ އިތުރުން ޑރ.ސާނިއަސްނައިން ޚާނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!