އޭދަފުށި ކްލަސްޓާ: މިހާތަނަށް 37 މީހުން ފައްސި

ބ.އޭދަފުށީގައި ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރޭ މިންވަރު އިތުރުވެ ފައްސިވި މީހުންގެ އަދަދު 37އަށް އަރައިފިއެވެ.
އޭދަފުށީގައި ކޯވިޑް ފެތުރެން ފެށުމާއި ގުޅިގެން މިހާތަނަށް 452 ސާމްޕަލްއެއް ވަނީ ނަގައިފައެވެ. ބ. އަތޮޅު ހޮސްޕިޓަލުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭގެ ތެރެއިން ގިނަ ބަޔަކު ނައްސިވިއިރު 23 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެއެވެ.
އެ ރަށުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަވަމުންދާއިރު އެމީހުންގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް މިހާރު އެއަތޮޅު ހޮސްޕިޓަލުން ވަނީ ފަށާފައެވެ.
އެ ރަށުން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އެރަށުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެކެވެ. އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވި އެންމެން މިހާރު ވަނީ އެކަހެރި ކުރެވިފައެވެ.
އެ ރަށުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅައިފައިވާއިރު ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނިކުމެ ނޫޅެން ވެސް ވަނީ އަންގައިފައެވެ. އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އަކުން ފެށިގެން ދަށް ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ނުގެންދަން ވަނީ ވެސް އަންގައިފައެވެ.