ޚަބަރު

ރޭޕްގެ ޝިކާރައަކަށް ވި ކަމަށް ބުނާ އަންހެން މީހާ، މަސްތުވާތަކެއްޗަށް ފަރުވާ ހޯދަން ރީހެބަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ، ގޯޅިގަނޑަކަށް ގަދަކަމުން ވައްދާ ރޭޕް ކުރަން އުޅުނު ކަމަށް ބުނާ އަންހެން މީހާ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަން ހިންމަފުށީ ރިހެބަށް އިއްޔެ ގެންގޮސްފިއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި އުމުރުން 20 އަހަރުގެ އެ އަންހެން މީހާ އަކީ ޑްރަގް އެޑިކްޓެކެވެ. އޭނާއަށް ފަރުވާ ދޭން ރީހެބަށް ގެންދިޔައީ ޖެންޑާ މިނިސްޓްރީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ގުޅިގެން "ހޭންޑްސް ޓުގެދާ" ގެ ނަމުގައި މަސައްކަތް ކުރާ ޖަމިއްޔާއަކުން އިސްވެއެވެ.

މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައި މީހުން ރަނގަޅުކޮށް އެ މީހުން އަނބުރާ މުޖުތަމައަށް ނެރުމަށް ހިންމަފުށީ ރީހެބުގައި ފަރުވާ ދެއެވެ.

މާފަންމު ލެމަންގްރާސް ކައިރީގައި ހުރި ގެއަކަށް އެ އަންހެން މީހާ ގަދަކަމުން ވައްދަން މަސައްކަތް ކޮށްފައިވާ ވީޑިއޯއެއް ވެސް ވަނީ އާންމު ވެފައެވެ. އޭގެން ފެންނަނީ ފިރިހެނަކު އެއް އަތުން ސިނގިރޭޓެއް ބޮމުން، އަނެއް އަތުން އަންހެންމީހާގެ އަތް ކޮނޑަށް ލައިގެން ގަދަ ބާރުން ދަމާފައި ގެންދާ މަންޒަރެވެ. އަދި އަންހެންމީހާ ސަލާމަތް ވާން އަތް ދަމައިގަންނަން ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް ފިރިހެން މީހާ އިތުރަށް ދަމަމުން ގަދަ ބާރުން ކުރިޔަށް ހިނގައެވެ. އޭނާއާ އެކު އަންހެން މީހާގެ ފަހަތުގައި އިތުރު ފިރިހެނަކު ވެސް ހުންނަ މަންޒަރު ފެނެއެވެ.

މިކަމާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެ އެއް ދުވަސް ފަހުން ވަނީ އެހެން ވީޑިއޯ އެއް ވެސް އާންމު ވެފައެވެ. ގަދަކަމުން ގެއެއްގެ ތެރެއަށް ވައްދަން މަސައްކަތް ކުރަން އުޅުނު ދެ ފިރިހެނުން އުޅުނީ އެ އަންހެން މީހާ ރޭޕް ކުރަން ނޫން ކަމުގައި އެ އަންހެން މީހާ ބުނާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!