ފީނަން އުޅުނު މީހަކު ޚަބަރުހުސްވެ ހާލު ދެރަވެގެން މާލެ ގެނެސްފި
ފ. ނިލަންދޫ ގައި ފީނައިގެން މަހަށް ބަޑިޖަހަން އުޅުނު މީހަކު ޚަބަރު ހުސްވެ، ހާލު ދެރަވެގެން އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
ނިލަންދޫ ކައުންސިލުގެ ރައީސް މުޙައްމަދު ޖަލީލު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފީނައިގެން މަހަށް ބަޑި ޖަހަށް އުޅުނު މީހަކު ހާލު ދެރަވި ކަމަށާއި އެ މީހާ ނަގަން ދިޔަ މީހަކު ވެސް އެވަގުތު ހާލު ދެރަވި ކަމަށެވެ. ނަމަވެސް ނަގަން ދިޔަ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް ޖަލީލު ވިދާޅުވިއެވެ.
"މަހަށް ޖެހި ބަޑިއެއް ދޫވެގެން އެ ނަގަން ވެގެން އެ މީހާ ފީނާލައިގެން ދިޔައީ. ދިޔަތަނުން ތަންކޮޅެއް އަޑިއަށް ދެވުނީމަ (25 މީޓަރު އަޑިއަށް ކަމަށް ވަނީ އޭނަ ދިޔައީ) ގޮސްގެން ހާލު ދެރަވެގެން، އަޑިއަށް ދާހެން ހީވީމަ ދެން ހުރި މީހާ އަވަހަށް ވަލެއް ޖަހައިގެން ނެގީ" ޖަލީލު ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުފަހު 3:00 އާއި 3:30 ދެމެދު ކަމަށާއި މި ހާދިސާ ގައި ހާލު ދެރަވެފައި ވަނީ ދެ ފިރިހެނުންގެ ކަމަށް ވެސް ޖަލީލު ވިދާޅުވިއެވެ. އޭގެތެރެއިން ބޮޑަށް ހާލު ދެރަވި މީހާ މާލެ ފުރުވައިލެވިފައި ވަނީ 6:15 ހާއިރު ކަމަށް ވެސް ޖަލީލު ވިދާޅުވިއެވެ. އެ މީހާ ސަލާމަތް ކުރަން ފޭބި މީހާ މިވަގުތު އޮތީ ނިލަންދޫ ސިއްޙީ މަރުކަޒުގައި ވެސް ވެސް ވިދާޅުވިއެވެ.
ހާލު ދެރަވެގެން މާލެ ގެނައި މީހާގެ އިތުރު މައުލޫމާތެއް އަދި އެނގިފައެއް ނުވެއެވެ. އައިޖީއެމްއެޗްގެ ބަހެއް ވެސް އަދި ލިބިފައި ނުވާތީ، އެ މީހާ މިވަގުތު ހުރި ހާލެއް އަދި އެނގިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ ނިލަންދޫ ކައިރިން ޑައިވިންގަށް ގޮސް އުޅުނު އުމުރުން 21 އަހަރުގެ މީހެއްގެ ހާލު ސީރިއަސް ވެގެން މިއަދު 3:11 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗުގައި އެ މީހާ ނިލަންދޫއަށް ފަރުވާއަށް ގެންދިޔަ ކަމަށާއި އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.