މަތިވެރީގެ ހާލަތު ނާޒުކު ފައްތަރެއްގައި، އެމަޖެންސީއެއް ކުރިމަތިވެއްޖެނަމަ އެކަށީގެންވާ ފަރުވާއެއް ދެވޭކަށް ނެތް
ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ އއ. މަތިވެރީގެ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި އެމަޖެންސީ ކޭސްއެއް އަތުވެއްޖެނަމަ އެކަށީގެންވާ ފަރުވާއެއް ދެވެން ނެތްކަމަށް ކައުންސިލުން ބުނެފިއެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލު ރައީސް އިސްމާއިލް އާތިފު ވިދާޅުވީ އެމަޖެންސީ ކޭސްއެއް އަދި ނެތް ކަމަށާއި އެހެން ނަމަވެސް ހާލަތު މިއަށްވުރެ ގޯސް ވެއްޖެނަމަ ދެން ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.
"އެމަޖެންސީ ކޭސްއެއް އަދިއެއް ނެތް. އެހެން ނަމަވެސް ހާލަތު ގޯސްވެއްޖިއްޔާ ދެން ކުރެވޭނެ ކަމެއް ނެތް. މިތަނުގައި ފަރުވާއެއް ނެތް، މިތަނުގައި ހުރީ ހަތަރު އެނދު، މިއީ ކުޑަކުޑަ ސިއްޙީ މަރުކަޒެއް އެހެންވެ މިތަނުގައި އެވަރަކަށް ފަރުވާތަކެއް ވެސް ނުހުންނާނެ. އެފަދަ އެމަޖެންސީ ހާލަތަކަށް ގޮސްފިނަމަ އަޅުގަނޑުމެންނަށް ޖެހޭނީ ކޮވިޑް ސެންޓަރަށް ފޮނުވަން" އާތިފު ވިދާޅުވިއެވެ.
އާތިފު ވިދާޅުވީ ކޮވިޑް ފެސިލިޓީއެއް ހުރި ވެލިދޫ އޮތީ މަތިވެރިއާ ދުރު ނޫން ހިސާބެއްގައި ކަމުގައި ވިޔަސް، ފައްސިވާ އަދަދުތައް މައްޗަށް އަރައިގެން ދާއިރު ތައްޔާރީ ހާލަތުގައި ތިބުން ބުއްދިވެރި ކަމަށެވެ.
މީގެ އިތުރުން އާތިފު ވިދާޅުވީ މި ވަގުތު އެރަށު ސިއްޙީ މަރުކަޒުގައި އެއްވެސް މީހަކު އެޑުމިޓު ކުރެވިފައި ނެތް ކަމަށެވެ. ހައި ރިސްކު މީހެއް ވެސް މަތިވެރިން ފައްސި ވެފައިވާ ކަމަށާއި އެހެން ނަމަވެސް އޭނަގެ ހާލަތު ވެސް ގޯސް ނޫން ކަމަށް އާތިފު ވިދާޅުވިއެވެ. ނަމަވެސް ހާލަތު ކުއްލިއަކަށް ގޯސްވެއްޖެނަމަ ކަންތައް ކުރާނެ ގޮތަކާމެދު ސަރުކާރުން ވެސް ތައްޔާރަށް ތިބުން ރަނގަޅުކަން އާތިފު ފާހަގަ ކުރެއްވިއެވެ.
މަތިވެރީގައި ފައްސިވީ ފަރާތްތަކުން ތިބީ ކަރަންޓީނުގައި ކަމަށާއި، ނަމަވެސް އިދާރީ މަސައްކަތްތައް ކުރާ ބައެއް ފަރާތްތަކުން ވެސް ކަރަންޓީނުގައި ތިބުމުން ބައެއް މަސައްކަތްތައް ކުރުމަށް ދަތިވެފައިވާކަމަށް ވެސް އާތިފު ވިދާޅުވިއެވެ.
"ކައުންސިލުން ވެސް ގިނަ ބަޔަކު ވަނީ ފައްސިވެ ކަރަންޓީނުގައި. އެހެންވެ ބައެއް އިދާރީ މަސައްކަތްތައް ކުރަން ވެސް ދަތިތަކަކާ ކުރިމަތިވެފަ ވަނީ. ކޮންމެ ކޮންމެ މީހަކަށް ޕޯޓަލްތަކަކަށް ނުވެސް ވަދެވޭނެ. އެހެންވީމަ އެގޮތްގޮތުން ދަތިކަމެއް ފޯރާފައި ވަނީ. އަނެއްހެން ރަށުގެ ހާލަތު ރަނގަޅު. ނަމަވެސް ގިނަ ބަޔަކު ފައްސިވުމާ ގޭތެރޭގައި ބަންދުވެ ތިބެން ޖެހުމުން ރައްޔިތުންނަށް ވަނީ ހިތާމަތަކާ ވެސް ކުރިމަތިލާން ޖެހިފަ" އާތިފް ވިދާޅުވިއެވެ.
މަތިވެރިގެ އާންމު ހާލަތު މިވަގުތު ރަނގަޅު ކަމަށް ވެސް އާތިފު ވިދާޅުވިއެވެ. ރަމަޟާން މަހަށް ފެށުމުގެ ކުރިން ގިނަ މީހުން ކާބޯތަކެތި ކުރިން ގަނެ، ގޭގައި ޖަމާކޮށްފައިވާ ކަމަށާއި ނަމަވެސް ރޯދަ ވީއްލަން ފަނި ގިރާނެ އެއްޗެއް ހޯދުމަށް ބައެއް ފަހަރު ދަތިކަމަކާ ކުރިމަތިވާކަން ވެސް އާތިފް ފާހަގަ ކުރެއްވިއެވެ.
މަތިވެރިން މިހާތަނަށް 171 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި 50% އަށްވުރެ ގިނަ ގެ ކަރަންޓީނު ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.