ޓްރާންސްޕޯޓް އޮތޯރިޓީން ވަކިކުރި 9 މީހުންނަށް މުސާރައާ އެކު ވަޒީފާ ދޭން އަންގައިފި
ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާއިން އަދާކުރަމުން ދަނިކޮށް، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކޮށްފައިވާ 9 މީހުންނަށް މުސާރައާ އެކު ވަޒީފާ ދޭން އަންގައިފިއެވެ.
ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނީ އާމިނަތު ޝެހެނާޒު އަދި އިތުރު 8 މީހެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާއިން އަދާކުރަމުން ދަނިކޮށް، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކޮށްފައި ވާތީ އެ ފަރާތްތަކުން ސިވިލް ސަރވިސް ކޮމިޝަންއަށް ރައްދުވާގޮތަށް ވަޒީފާއާ ބެހޭ
ޓްރައިބިއުނަލަށް ހުށަހަޅާފައިވާ އެ ޓްރައިބިއުނަލްގެ ނަންބަރު 2020/VTR/30 މައްސަލައިގައި އެ ފަރާތްތައް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ތަމްސީލުކޮށްފައި ވަނީ އެ ޖަމްޢިއްޔާގެ ފަރާތުން ކަމަށެވެ.
އަދި މިއަދު (28 އޭޕްރިލް 2021) މައްސަލަ ނިންމަވަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފައި ވަނީ މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކޮށްފައި ވަނީ މައުޟޫޢީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމްނުކޮށް ކަމަށާއި، މައްސަލަ ހުށަހެޅި ފަރާތްތައް ކުރިން އަދާކުރަމުން ދިޔަ ވަޒީފާއަށް އަލުން އަނބުރާ ޢިއާދަ ކޮށްދިނުމަށާއި، އަދި ވަޒީފާ ޢިއާދަކޮށްދޭ ތާރީޚާ ހަމަޔަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް އެފަރާތްތަކަށް ދިނުމަށް ކަމަށެވެ.
އަދި މުވައްޒަފުން، ވަޒީފާއިން ވަކި ކުރެވޭނީ އެކަށީގެންވާ ސަބަބަކާ ލައިގެން ކަމަށާއި ވަޒީފާއިން ވަކިކުރުމުގައި ހުންނަންޖެހޭ މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައި ކަމަށެވެ. އެ ސެންޓަރުން ބުނީ މިކަންކަން ޤާއިމްނުކޮށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ އެ މުވައްޒަފުންނަށް ވެވޭ ބޭއިންސާފެއް ކަމަށެވެ.